ވިޔަފާރި

ކޮމަރޝައަލް ބޭންކު އޮފް މޯލްޑިވްސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮމާރޝަލް ބޭންކް އޮފް މޯލްޑިވްސް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

ކޮމާޝަލް ބޭންކް ރަސްމީގޮތުން ހުޅުވުމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. ކޮރމާޝަލް ބޭންކް އޮފް މޯލްޑިވްސް، ސީބީއެމް، ހުޅުވާފައިވަނީ ދެ އޭޓީއެމް މެޝިނާއި ފައިސާ ޖަމާކުރާ މެޝިނެއްގެ ޚިދުމަތާއެކުގައެވެ. ސީބީއެމް ހުޅުވާފައިވަނީ 150 މިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކުގައެވެ.

ކޮމާރޝަލް ބޭންކް އޮފް މޯލްޑިވްސްއަކީ ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ 45 އިންސައްތަ އަދި ސްރީލަންކާގެ ބޭންކެއްކަމަށްވާ ކޮމާރޝަލް ބޭންކް އޮފް ސިލޯންއިން 55 އިންސައްތަ ޙިއްޞާކުރާ ބޭންކެކެވެ.

img:http://s2.psmnews.mv/images/660x400/14748903130454.jpg|މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ ޑރ.ޢަޒީމާ އާދަމް- ފޮޓޯ: ރައީސް އޮފީސް

މި ބޭންކްގެ ޚިދުމަތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ ޑރ.ޢަޒީމާ އާދަމް ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ އަންނަނީ ކުރިއަރަމުން ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގެތެރޭގައި ބޭންކުތަކުން ލޯންގެ ގޮތުގައި ޢާއްމުންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 20 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މި އަދަދަކީ އޭގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު 16 އިންސައްތަ އިތުރު އަދަދެއް ކަމަށް ގަވަރނަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14748904692010.jpg|ސީބީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ކޮމަރޝިއަލް ބޭންކް އޮފް ސިލޯންގެ ސީއީއޯ އަދި މެނޭޖިންގެ ޑިރެކްޓަރ ޖޭގަން ޑުރައިރަތްނަމް ވިދާޅުވީ އެބޭންކުން ރާއްޖޭގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ބޭންކިންގ ޚިދުމަތްތައް ދޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމަރޝިއަލް ބޭންކް އޮފް މޯލްޑިވްސްގައި އެންމެ ފުރަތަމަ އެކައުންޓް ހުޅުވި ފަސް ފަރާތަށް ވަނީ އެކައުންޓް ހުޅުވިކަމުގެ ލިއުން ދީފައެވެ.

ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި ކޮމަރޝަލް ބޭންކް އޮފް ސިލޯން ގުޅިގެން ރާއްޖޭގައި ކޮމަރޝަލް ބޭންކެއް ހިންގުމުގެ ހުއްދަ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެފަރާތްތައް ދެއްވައިފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ.

ކޮމަރޝަލް ބޭންކް އޮފް ސިލޯނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 1000 ބޭންކްގެ ތެރޭގައި ހިމެނޭ ބޭންކެކެވެ. ރާއްޖެ ހިމެނޭ ސަރަޙައްދުން، ބަންގްލަދޭޝް އަދި މިއަންމާގައި ބޭންކްގެ އައުޓްލެޓްތަކާއި ރެޕްރެޒެންޓޭޓިވް އޮފީސްތައް ހުރެއެވެ. އަދި އިޓަލީގައި މަނީ ޓްރާންސްފަރ އޮޕަރޭޝަންތައް ފެށުމުގެ ހުއްދަވެސް ދާދި ފަހުން ވަނީ އެބޭންކަށް ލިބިފައެވެ.