ވިޔަފާރި

މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމެންޓް ސެމިނަރ ފަށައިފި


ތިންވަނަ މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމެންޓް ސެމިނަރ ފައްޓަވައިފިއެވެ.

މިއީ، މޯލްޑިވްސް ޕެންޝަން އޮފީހާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ގުޅިވަޑައިގެން ބާއްވަވާ ސެމިނަރއެކެވެ. ހޮޓެލް ޖެންގައި މިއަދު ފެއްޓެވި މި ސެމިނާރއާ ގުޅޭ ގޮތުން ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ މި ސެމިނަރ އަމާޒުކުރެވިފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ދިވެހިރާއްޖޭގެ މާލީ ބާޒާރުތައް މެދުވެރިކޮށް ޕެންޝަން ފަންޑުން ދިގުމުއްދަތުގެ ފައިނޭސް ހޯދިދާނެ ގޮތްތަކުގެ މަޢުލޫމާތު ސާފުކޮށްދެއްވުމަށްކަމަށެވެ. އަދި ޕެންޝަން ފަންޑުގެ މެންބަރުން ޖަމާކުރާ ފައިސާއަށް އެންމެ އެދެވޭ ނަފާ ހޯދައިދިނުމަކީ ޕެންޝަން އޮފީހުގެ އަމާޒެއް ކަމަށާއި މިކަން ޙާޞިލްކުރެއްވުމަށްޓަކައި ސަރުކާރާއި މާލީ ދާއިރާގެ އެންމެހާ ފަރާތްތަކާއެކު ޕެންޝަން އޮފީހުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ޙުސައިން މަނިކު ވިދާޅުވިއެވެ.

މިއަދުގެ ސެމިނަރގައި ޔޫރަޕިއަން ބޭންކް ފޮރ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ފަރާތުން، ސީނިއަރ ކެޕިޓަލް މާރކެޓް އެޑްވައިޒަރ، ޖިމް ޓާންބުލް ވަނީ ޕްރެސެންޓޭޝަނެއް ދެއްވާފައެވެ.

އެގޮތުން ކެޕިޓަލް މާރކެޓް މެދުވެރިކޮށް ފައިސާ ހޯދާނެގޮތާއި ލޯކަލް ކެޕިޓަލް މާރކެޓްތައް އުފެއްދުމުގައި "ސްޓޭޓް އޯންޑް އެންޓަޕްރައިސަސް"ގެ ރޯލާ ގުޅޭގޮތުން އޭނާ ވާހަކަ ދައްކަވާފައިވެއެވެ. މީގެއިތުރަށް ލޯކަލް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓާއި ގުޅޭ ކޭސްސްޓަޑީއަކާ ގުޅޭ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ. މިއަހަރުގެ ސެމިނަރގައި ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކާއި ބޭންކްތަކާއި އޮޑިޓް ފަރމްތަކާއި، ލޯފަރމްތަކާއި ކަމާގުޅޭ ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުން ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.