ޚަބަރު

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭގޮތަށް، ހަމަޖައްސައިފި


  • ޓާމިނަލް 2 ގެ ކުރިމަތިން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ބޭނުންކުރާ ފަސެންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މި ބަދަލުތައް ގެނެސްފައިވަނީ މިއަދު 10 އިން ފެށިގެންކަމަށެވެ.

އެމްއޭސީއެލުން ވިދާޅުވީ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގޮތުން މި ގެނައި ބަދަލާއެކު ޓާމިނަލް 2 ގެ ކުރިމަތީގައިވާ ސަރަހައްދުން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ކަމަށެވެ. އަދި މި އިންތިޒާމުގެ ދަށުން ޓާމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ.

މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. އަދި ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދެވެ. މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.

އެމްއޭސީއެލުން ވިދާޅުވަނީ މި ގެނެވުނު ބަދަލަށް ހުރިހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށެވެ.