ޚަބަރު

ގަދަހިފުމުގައި އެތެރެއިން ހިފަހައްޓާލާ ބުރު ސްޕޯޓްސް ކުރިއަށް


ޢީދު ބައިބަލާ ޗެލެންޖު 1447ގައި ހައްހާ ވައިކަންމަތި ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ހުޅުމާލޭގައި ކުރިއަށްދާ މުބާރާތުގައި ވައިކަންމަތީގެ މައްޗަށް ވީކޭއިން ކުރި ހޯދީ، ފުރަތަމަ ދެ ގޭމުން ދެ ޓީމު އެއްވަރުވުމުން، ގަދަ ހިފުމަށް ގޮސްގެނެވެ.

ގަދަ ހިފުމުގައި 5 ގޭމް އޮންނައިރު، ގަދަ ހިފުމުގެ ކޮންމެ ބުރެއްގައި ކުރިމަތިލަނީ މުޅި ޓީމުގެ ބަދަލުގައި ކޮންމެ ޓީމަކުން އެންމެ ކުޅުންތެރިއެކެވެ.

ގަދަ ހިފުމުގެ 5 ގޭމްގެ ތެރެއިން 2 ގޭމް ވީކޭއަށް ލިބުނުއިރު، ބުރު ސްޕޯޓްސްއިން ވަނީ 3 ގޭމް ކާމިޔާބުކޮށްފައެވެ. ބުރުން ގަދަހިފުމުގެ ފަހު ގޭމް ކާމިޔާބުކުރީ ގުރުން ނާކާމިޔާބުވެ އެތެރެއަށް ވަންނަންޖެހުމުން ބޭރުން ވަދުނު ކުޅުންތެރިއާ ހިފަހައްޓާލައިގެންނެވެ.

މިމެޗުން މޮޅުވުމާއެކު ބުރު ސްޕޯޓްސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.