އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ޤާނޫނަށް ގެނައި އިސްލާހުގެ އާއްމު ޤަވާއިދު ގެޒެޓުކޮށް ޢަމަލުކުރަން ފަށައިފިއެވެ.
މި ޤާނޫނު ތަންފިޒުކުރަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުންނެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، ޖެނުއަރީ 5ވަނަ ދުވަހުއެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ ޖެނުއަރީ 8ވަނަ ދުވަހުއެވެ.
މި ޤަވާއިދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ވަޒީފާ އަދާކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤާވާއިދެވެ.
މި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން، ފަނޑިޔާރުން، ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަން ކުރެވޭ މަޤާމުތައް އަދާކުރާ ފަރާތްތައް ނުހިމެނޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ގަވައިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ޙައްޤުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަށް އެދޭ ފަރާތަކީ، ވަޒީފާއަށް އެދޭ ތާރީޚާއި، އެ ފަރާތަށް 75 އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 މަސް ދުވަސް އޮތް ފަރާތަކަށް ވާންވާނެއެވެ.
އަދި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، އެމީހަކަށް 65 އަހަރު ފުރުމުން ވަޒީގައި ދެމިހުންނަށް ބޭނުންވާނަމަ، 6 މަސް ދުވަހުގެ ކުރިން އެކަން އެ ވަޒީފާއެއް އަދާކުރާ އިދާރާއަށް އަންގަންވާނެއެވެ. އަދި ހުށައަޅާތާ ގިނަވެގެން 2 މަސް ތެރޭގައި އިދާރާއިން ގޮތެއް ނިންމާނެއެވެ.
ރީ-އިމްޕްލޮއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާނީ އަހަރުން އަހަރަށް އައުކުރާ 12 މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިއީ ވަޒީފާގައި ދެމިތިބެން ބޭނުންވާ ޤާބިލު މީހުންނާއި ޤައުމުގެ ތަރައްޤީއަށް ބޭނުންހިފޭ ހުނަރުވެރި މީހުންނަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ފުރުޞަތު ތިނުމަށް ޤާނޫނަށް ގެނައި އިސްލާހެކެވެ.