20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ބަންގްލަދޭޝްއިން ދެވަނަ ބުރުގެ ޖާގައަކާއި ގާތަށް ޖެހިލައިފިއެވެ.
ރަސްމީބޯޅަ ދަނޑުގައި ޕާކިސްތާނާއި ބައްދަލުކުރި މިމެޗު އެންމެ ފަހުގެ ޗެމްޕިއަނުން ބަންގްލަދޭޝް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗު ފަށައިގެންވެސް އެންމެ ފުރަތަމަ އެޓޭކްވެސް ތަނަވަސްކުރީ ބަންގްލަދޭޝް ޓީމުންނެވެ. މިގޮތުން މެޗުގެ ދެވަނަ މިނެޓުގައި ޕާކިސްތާނުގެ ކީޕަރު އޭރިއާ ބޭރަށް ނުކުމެ ކްލިއަރކޮށްލަން އުޅުނު ބޯޅަ ހޯދާފައި ބަންގްލަދޭޝްގެ އެމްޑީ މަނިކް ހުސްގޯލަކަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ، ޕާކިސްތާންގެ ޑިފެންޑަރުން ވަނީ ބޮލުން ކޯނަރަކަށް ބޭރުކޮށްލާފައެވެ.
ބަންގްލަދޭޝް ޓީމުން ހުއްޓާނުލާ އެޓޭކްކުރަމުންދިޔަ އިރު ޕާކިސްތާން ޓީމުގެ ގޯލްކީޕަރާއި ޑިފެންޑަރުންގެ ފަރާތުން ރަނގަޅު ބްލޮކްތަކަކާއި ސޭވްތަކެއް ވަނީ ފެނިގެންގޮސްފައެވެ. ޕާކިސްތާނަށް ބޯޅަ ލިބުމުން މާރަނގަޅު މަސައްކަތްތަކެއް ނުކުރެވުނުނަމަވެސް އެޓީމުން ދިޔައީ ޑިފެންސްގެ އެންމެ ފަހު ލައިނުން ބޯޅަ ދިފާއުކުރަމުންނެވެ.
ފުރަތަމަ ހާފްގައި އެއްކޮށް ޑޮމިނޭޓްކޮށްގެން ބަންގްލަދޭޝްއިން ކުޅެމުންދިޔައިރު އެޓީމަށް ވަނީ މާނުރައްކާތެރި ހަމަލާތަކެއް ޕާކިސްތާނުގެ ގޯލާ އަމާޒުކޮށް ފޮނުވާލެވޭގޮތް ނުވެފައެވެ. މިގޮތުން ބަންގްލަދޭޝްގެ ގިނަ ހަމަލާތަށް ގޯލާ އަމާޒުނުވެދިޔައިރު ދެންހެދި ހަމަލާތަކުގެ ހުރަހަކަށްވީ ޕާކިސްތާންގެ ޑިފެންޑަރުންނެވެ.
ފުރަތަމަ ހާފްގައި ބަންގްލަދޭޝް ޓީމުގެ ނަޒްމުލް ހުދާ ފޭސަލް އާއި ރޮނަން ބެންޖަމިން ސަލިވަން އަދި މުރްސިދް އަލީގެ ފަރާތުން ތަފާތުމޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ފުރަތަމަ ޖާފްގެ ކުޅުން ނިމުނީ ދެޓީމުންކުރެ އެއް ޓީމަކަށްވެސް ގޯލެއް ކާމިޔާބުނުކުރެވިއެވެ.
ދެވަނަ ހާފް ފަށައިގެންވެސް ބަންގްލަދޭޝްއިން ފެނިގެންދިޔައީ ފުރަތަމަ ހާފްއެކޭ އެއްގޮތަށް އެޓޭކްތައް ކުރަމުންދިޔަތަން، މިގޮތުން ދެވަނަ ހާފްގެ ފުރަތަމަ ހަމަލާ ހުސްކޮށްހުރެ އޭރިއޭތެރެއިން ރޮނަން ފޮނުވާލި ހަމަލާ ދިޔައީ ޕާކިސްތާންގެ ގޯލްކީޕަރާދިމާލަށެވެ. އެއީ މެދުތެރެއިން ނަޒްމުލް ހުދާ ހުސްކޮށްލާފައި ދިން ރީތި ބޯޅައަކުން ރޮނަންއަށް ލިބުނު ފުރުސަތެކެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 53 ވަނަ މިނެޓުގައި ބަންގްލަދޭޝްއަށް ލިބުނު ހިލޭޖެހުމަކުންނެވެ. މި ހިލޭޖުން ގޯލުގެ މަތީކަނަށް ފޮނުވާލީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއްދައްކަމުންދިޔަ ރޮނަން ބެންޖަމިންއެވެ. އަދި އޭގެ 3 މިނެޓުފަހުންވެސް ރޮނަންއަށް ވަނީ މުޅިން ހުސްފުރުސަތެއް ލިބިގެންގޮސްފައެވެ. އެހެންނަމަވެސް މިފަހަރު ފޮނުވާލި ބޯޅައަށް ހުރަސްއެޅީ ޕާކިސްތާން ގޯލްކީޕަރެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ޕާކިސްތާން ޓީމުގެ ނަޖީބް އުއްލާ ވަނީ މަތިން އައި ބޯޅައެއް ވަރަށް ރަނގަޅަށް އަރާ ބޮލުން ގޯލުގެތެރެއަށް ވައްދާލާފައެވެ. އެހެންނަމަވެސް ރެފްރީ ނިންމީ ނަޖީބް ގޯލް ޖަހަން އެރިގަޑީގައި ކީޕަރަށް ފައުލްކޮށްފައިވާކަމަށެވެ.
ބަންގްލަދޭޝްގެ ދެވަނަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނަންއެވެ. އެއީ މެޗުގެ 67 ވަނަ މިނެޓުގައި މަތިން އޭރެއާތެރެއަށް ނަގައިދިން ބޯޅައެއް ހުސްކޮށްހުރެ ބޮލުން ގޯލުގެ ތިރީކަނަށް ފޮނުވާލައިގެން ރޮނަން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ބަދަލަކަށް ކުޅެން އެރި ބަންގްލަދޭޝްގެ އަޝީކުރް ރަހްމާންއަށްވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް މުޅިން ހުސްކޮށް ހުރެ އަޝީކުރް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީވެސް ދެލަނޑު ކާމިޔާބުކޮށްދިން ރޮނަންއެވެ.
މިމުބާރާތުގައި މެޗެއް ދެން ކުޅެވޭނީ މާދަމާ ހަވީރެވެ. އެއީ ގްރޫޕް އޭގައި ސްރީލަންކާ އާއި ނޭޕާލް ބައްދަލުކުރާމެޗެވެ. އަދި މާދަން ރޭ ދިވެހިރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ.