ވިޔަފާރި

ފްރިއޯން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ރާއްޖޭގެ ބާޒާރަށް


މޯލްޑިވްސް ގޭސްގެ ފަރާތުން ތިމާވެއްޓާ ރައްޓެހި ބްރޭންޑެއް ކަމަށްވާ ފްރިއޯން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ. އަދި އެކުންފުނިން މިއަދު ވަނީ ހީލިއަމް ގޭސްގެވެސް ކުދި ފުޅުތަކެއް ބާޒާރަށް ނެރެފައެވެ.

އާރޓިފިޝަލް ބީޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ދިވެހިރާއްޖޭގައި ކުރެވޭ ކޮންމެ ވިޔަފާރީގެ މުޢާމަލާތެއްގެވެސް މައިގަނޑު އަސާސަކަށް ވާންޖެހޭނީ ތިމާވެއްޓާ ރައްޓެހި ވިޔަފާރިއަކަށްވުން ކަމަށެވެ. އެގޮތުން މޯލްޑިވް ގޭސްއިން މި ދެއްކީ މިސާލެއްކަމަށް މިނިސްޓަރ ސަޢީދު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫން ވިދާޅުވީ މި ގޭހަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެފަދަ ގޭސްތަކަށްވުރެ ފަންސާސް އިންސައްތަ އަގުހެޔޮ ގޭހެއް ކަމަށެވެ.

ފްރީ އޯން ބުރޭންޑްގެ ރެފްރިޖެރެންޓް ގޭހަކީ އެއަރކަންޑިޝަން އާއި، ކާރު އަދި ރެފްރިޖަރޭޓަރު ފަދަ ތަކެތީގައި ބޭނުންކުރާ ގޭހެކެވެ.