ސިއްހަތު

ކަރަންޓީން ފެސިލިޓީގެ ޑިޒައިން ތައްޔާރުކުރުމަށް ހަވާލުކޮށްފި


ހުޅުމާލޭގައި ޤާއިމްކުރައްވާ ކަރަންޓީން ފެސިލިޓީގެ ޑިޒައިން ތައްޔާރުކުރުމަށް ކުންފުންޏަކާ ޙަވާލުކުރައްވައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

ކަރަންޓީން ފެސިލިޓީއަކީ، ނުރައްކާތެރި ބައްޔެއް ފެތުރިއްޖެ ހާލަތެއްގައި ބަލި ޖެހޭ މީހުން، އެކަހެރިކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް  ފަރުވާދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤާއިމްކުރާ ސެންޓަރެކެވެ. ރާއްޖެއިން ސޮއިކޮށްފައިވާ ސިއްޙީ ދާއިރާގެ މުޢާހަދާތަކާއި، ބައިނަލްއަޤްވާމީ ހެލްތް ރެގިއުލޭޝަންތަކުގެ ދަށުން މިފަދަ ފެސިލިޓީއެއް ރާއްޖޭގައިވެސް ހުރުމަކީ ލާޒިމް ކަމެކެވެ. އެގޮތުން  މިހާރު ޤައުމީ ކަރަންޓީން ފެސިލިޓީ، ހުޅުމާލޭގައި ޤާއިމްކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކަރަންޓިން ފެސިލިޓީގެ ޑިޒައިން އަދި ކޮންސަލްޓެންސީ ހެދުމަށް ހެލްތު މިނިސްޓްރީން ގެޑޯ ކޮންސަލްޓަންޓާއި ހަބްޝީ ކޮންސަލްޓަންސީ ޖޮއިންޓްވެންޗާ އާއެކު ވަނީ ސޮއިކުރައްވާފައެވެ.ޑިޒައިން އަދި ކޮންސަލްޓެންސީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ކަރަންޓީން ފެސިލިޓީގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މި ޚިދުމަތަކީ، ނުރައްކާތެރި ބައްޔެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދޭ ޙާލަތްތަކާއި، ފަސޭހައިން ފެތުރުމުގެ ފުރުޞަތު ބޮޑު ބަލިތަކުން ޢާންމުން ރައްކާތެރިކުރުމަށް އެޅުއްވި ޙަރުދަނާ ފިޔަވަޅެއްކަމަށެވެ.

ހުޅުމާލޭގައި ޤާއިމްކުރައްވާ ކަރަންޓީން ފެސިލިޓީ މަޝްރޫއަށް، އިސްލާމިކް ޑިވްލޮޕްމަންޓް ފަންޑުން ވަނީ، 4.1 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ރާއްޖެއަށް ދީފައެވެ.   ހެލްތު މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ޑިޒައިންގެ މަސައްކަތް ވިހާވެސް އަވަހަކަށް ނިންމަވާ، ޢަމަލީ މަސައްކަތް ފަށާގަނެ، ކުރިއަށް އޮތް ދޮޅު އަަހަރުގެ ތެރޭގައި ކަރަންޓީން ފެސިލިޓީ ޚިދުމަތް ދެއްވުންކަމަށެވެ.

މި ފެސިލިޓީގައި އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެ ކަމަށާއި، ފެސިލިޓީ ޑިޒައިން ކުރެވިގެންދާނީ، މުސްތަޤްބަލްގައި އެތަން ބޮޑުކޮށް، ފަރުވާގެ ނިޒާމު އިތުރަށް ފުޅާ ކުރެވޭނެ ގޮަތަށް ކަމަށްވެސް ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިި އެކި ދުވަސްވަރުގައި، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތަކާއި، ވައިރަސްތައް ފެތުރެމުންދާ ކަމަށާއި، އެފަދަ ބަލިތައް ރާއްޖެގައި ފެތުރުން ހުއްޓުވުމަށް ޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެެއް އަަޅުއްވާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.