ޚަބަރު

ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު އަވަހާރަވެއްޖެ


  • ޢަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނު އިންޑިޔާގައި

ދިވެހި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އެ ޚިދުމަތުގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވެއްޖެއެވެ.

ޢަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނު 10:15 ހާއިރު އިންޑިޔާގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޢަބްދުއްޝަކޫރުވަނީ 30 ޑިސެންބަރު 1965 ން ފެށިގެން 31 އޮގަސްޓު 2004ގެ ނިޔަލަށް، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި އަދި 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތަށް ބަދަލުވެވަޑައިގަތުމަށްފަހު، އިޚުލާޞްތެރިކަމާ އެކު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އެގޮތުން ސިފައިންގެ ތަފާތު ރޭންކުތަކުގައި ޚިދުމަތްވަނީ ކުރައްވާފައެވެ. ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. އެންއެސްއެސްގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ ތަޙުޤީޤީ އިދާރާގައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، އެންއެސްއެސްގެ ޚިދުމަތުގައި އުޅުއްވަމުން، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

1 ސެޕްޓެންބަރު 2004 ގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، ޢަބްދުއްޝަކޫރު ޢަބްދުﷲ ހަމަޖެއްސެވީ، ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. 5 އޮގަސްޓު 2008 ން ފެށިގެން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ޚިދުމަތް ކުރެއްވިއިރު، ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަންވެސް ކުރެއްވިއެވެ.

ޢަބްދުއްޝަކޫރު ޢަބްދުﷲ، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 8 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚުލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ. ފަހުން ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލްވެސް ޢަބްދުއްޝަކޫރު ޢަބްދުﷲ ހާސިލު ކުރައްވާފައި ވެއެވެ.

ޢަބްދުއްޝަކޫރު ޢަބްދުﷲ ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި 2024 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ރައީސުލްޖުމްހޫރިއްޔާވަނީ އަރުއްވާފައެވެ.

ޢަބްދުއްޝަކޫރު ޢަބްދުﷲ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، 4 މާރިޗު 2009ގައި ރިޓަޔަރ ކުރެއްވިއިރު، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އޭގެތެރެއިން ސިފައިންގެ ޚިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ.

ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.