ވިޔަފާރި

ބައިނަލްއަޤްވާމީ ފެންވަރުގެ ޙަލާލް ސެޓްފިކެޓް ދޭން ތައްޔާރުވަނީ


ދިވެހިރާއްޖޭން އެކްސްޕޯޓްކުރާ ކާބޯތަކެއްޗަށް ދޫކުރައްވާ ޙަލާލް ސެޓްފިކެޓަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ ސެޓްފިކެޓަކަށް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ.

މި ސެޓްފިކެޓަކީ، އެކަމަށް ކަނޑައެޅުއްވި ޤަވާޢިދެއްގެ ދަށުން 2013 ވަނަ އަހަރު، ދޫކުރައްވަން ފެއްޓެވި ސެޓްފިކެޓެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެއަރޒުން ދޫކުރައްވާ މި ސެޓްފިކެޓަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ ސެޓްފިކެޓަކަށް ހެއްދެވުމަށް، މަސައްކަތްކުރައްވަނީ، މެލޭޝިޔާގެ ޑިޕާރޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓާ ގުޅިވަޑައިގެންނެވެ. މެލޭޝިޔާއަކީ ޙަލާލު ސެޓްފިކެޓް ދޫކުރެއްވުމާއި ތައްޔާރީ ކާބޯތަކެތީގެ ޙަލާލު ބްރޭންޑްތަކުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިޔަށް ގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެކެވެ. 

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒިޔާދުގެ ދަޢުވަތަކަށް މިމަހުގެ 19 ން 23 އަށް މެލޭޝިޔާގެ ޖަކިމްގެ ބޭފުޅުން ވަނީ ރާއްޖެ ވަޑައިގެން، ޙަލާލް ސެޓްފިކޭޓް ދޫކުރުމުގެ މަސައްކަތްތައް އޯޑިޓްކުރުމުގެ މަސައްކަތް ކުރައްވާފައެވެ.

ޖަކިމަކީ މެލޭޝިޔާގެ މިނިސްޓްރީ އޮފް އިސްލާމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ އިދާރާއެކެވެ. މެލޭޝިޔާގެ ޙަލާލް ސެޓްފިކެޓް ދޫކުރުމާބެހޭ މައި އިދާރާއަކީވެސް ޖަކިމްއެވެ. އެ އިދާރާގެ ޙަލާލް ސެޓްފިކޭޝަންގެ މިންގަނޑުތަކަކީ ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތައް ބަލައިގަނެފައިވާ މިންގަނޑުތަކެކެވެ.

ދިވެހިރާއްޖޭގެ ޙަލާލް ސެޓްފިކޭޝަންގެ މަސައްކަތްތަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މަސައްކަތްތަކެއް ކަމުގައި ހެއްދެވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ޙަލާލް ސެޓްފިކޭޓް ދޫކޮށްފައިވާ ދެ ކުންފުންޏަކަށް ޖަކިމްގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުގައި ޒިޔާރަތްކޮށްފައިވެއެވެ. މިއޮޑިޓްގައި ޒިޔާރަތްކޮށްފައިވަނީ ލ.މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށާއި ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފެކްޓްރީތަކަށެވެ. ޖަކިމްގެ ޓީމާއެކު މި މަސައްކަތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ބޭފުޅުންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޙަލާލު ސެޓްފިކެޓަކީ، އެ އެއްޗަކީ މުސްލިމުން ބޭނުންކުރުން އިސްލާމް ދީން ހުއްދަކުރާ ޚުދޫދުގެ ތެރޭގައި ހިމެނޭ އެއްޗެއްކަން ކަށަވަރުކޮށްދޭ ރަސްމީ މަރުކާއެކެވެ.