ދަޢުލަތުން ދޫކުރާ ބޯހިޔާވަހިކަން ލިބޭ ޙާލަތުގައި، އަމިއްލަ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުދި ބިންތައް ދަޢުލަތައް ދޫކޮށްލުމުގެ ބަދަލުގައި، އެ ބިން އާއިލާގެ ކޮންމެވެސް އެހެން މީހަކަށް ދެވޭގޮތަށް ނިންމާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މިހާރު އުސޫލު އޮންނަގޮތުން، އެފަދަ ބިންކޮޅު ދޫކޮށްލަންޖެހެނީ ދަޢުލަތަށްކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ބިންކޮޅު އާއިލާގެ ކޮންމެވެސް މީހަކަށް ދޫކޮށްލެވޭގޮތަށް ވަރަށް އަވަހަށް އެކަމުގެ އުސޫލު އާއްމުކުރާނެކަމަށެވެ. މިއަދު ނޫނީ މާދަމާ، އެކަމާ ގުޅޭ އުސޫލު އާއްމު ކުރާނެކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުން ދޫކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން، މި އުސޫލުން ސަރުކާރަށް ބިން ދޫކޮށްލި މީހުންނަށްވެސް، އެ ބިން އާއިލާގެ މީހެއްގެ ނަންމައްޗަށް ބަދަލުކުރުމުގެ ފުރުޞަތު ދޭން ނިންމާފަވާކަމަށެވެ.
"އަނބިމީހާ/ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް އެ ބިންކޮޅު ދޫކޮށްލެވޭގޮތަށް އުސޫލު ބަދަލުކުރާނީ. އެމީހަކު ބޭނުންވާ މީހަކަށް ދޫކޮށްލެވޭގޮތަށް. ނިމިދިޔަ ސްކީމްގައި، ފްލެޓް ލިބުނު މީހުންނަށްވެސް، މި އުސޫލުން އެކަން ކުރެވޭގޮތް ހަދާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް ދޫކޮށްލަން ޝަރުތުކުރާނީ އެމީހެއްގެ ނަންމަތީގައި ސޯޝަލް ސްކީމުން ލިބިފައިވާ ފްލެޓެއް އޮންނަމަ، އެފަދަ ބޯހިޔާވަހިކަންކަމަށެވެ. ރައީސް ވިދާޅުވީ މިގޮތަށް ނިންމީ، ބައެއް ފަރާތްތަކުން، އެ ކުޑަ ބިންކޮޅު ތަރައްޤީކުރުމަށްވެސް ލޯނު ނެގުމާއި، އަދި ގެދޮރު އިމާރާތްކުރުމަށްވެސް އެކި ވަރުގެ ޚަރަދުތައް ކޮށްފައި ހުންނާނީ، އެކަމުގެ މަންފާ އާއިލާއަށް ލިބިދިނުމަށްކަމަށެވެ. އެހެން ނޫންނަމަ، އެކަން ވެގެންދަނީ އެ އާއިލާއަށް ބޮޑު އިސްރާފަކަށްކަމަށެވެ.