48 ގަޑިއިރުގެ ތެރޭގައި އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވައިނުލައިިފި ނަމަ އެ ޤައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދީ އެ ތަންތަން ފަނާ ކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، އެމެރިކާއިން އެ ތަންތަނަށް ޙަމަލާ ދީފި ނަމަ މެދުއިރުމަތީގައި ހުންނަ ހަަކަތަ އުފައްދާ މަރުކަޒުތަކަށް ޙަަމަލާ ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޣިރު ޣާލިބަފް ވިދާޅުވީ މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި މުހިންމު އިމާރާތްތަކާއި ހަކަތައާއި ތެލާ ގުޅޭ ބިނާރާއި މަރުކަޒުތަކަށް އީރާނުން ޙަމަލާ ދީފި ނަމަ އެ ތަންތަން ދެން އިތުރަށް ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުން ލިބޭނެ ކަމަށެވެ. އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދޭ ހިސާބުން މުޅި މެދުއިރުމަތީގައި ހުރި އެ ފަދަ ހުރިހާ މަރުކަޒުތަކަކީ އީރާނުން އެ ތަންތަނަށް ޙަމަލާ ދިނުން އެކަށީގެންވާ އަމާޒުތަކަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ރައްދުގައި ދޭ ޙަމަލާގެ ސަބަބުން ތެލުގެ އަގު އެތައް ޒަމާނަކަށް އުފުލިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސް ކޯޕް، އައިއާރުޖީސީން ބުނީ އީރާންގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދީފި ނަމަ ހުުރުމުޒު ކަނޑޮއޮޅި އެއްވެސް މިންވަރަކަށް ބޭނުން ނުކުރެވޭނެހެން ބަންދުކުރާނެ ކަމަށެވެ. އީރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅި މިހާރު ވެސް ބަންދުކޮށްފައި އޮތީ ހަމަައެކަނި އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ފަރާތްތަކަށް އެކަންޏެވެ. އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަަމަލާ ދީފި ނަމަ އެމެރިކާގެ ޙިއްޞާ އޮންނަ ކުންފުނިތައް އެއްކޮށް ނެތިދާނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެ ޤައުމުތަކުގައި ހުންނަ މެދުއިރުމަތީގެ ޤައުމުތަކަށް އީރާނަށް ޙަމަލާ ދެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އީރާނުން ހުރުމުޒު ކަނޑުއޮޅި އެމެރިކާއާ ގުޅުންހުރި ބޯޓުފަހަރަށް ބަންދުކޮށް ގަލްފުގެ ބައެއް ޤައުމުތަކުގައި ހުންނަ ތެލާއި ގޭސް މަރުކަޒުތަކަށް ޙަމަލާ ދެމުން ދަނީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ ހިމެނޭ ގޮތަށް އެ ޤައުމުގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލުމާ ގުޅިގެންނެވެ. ގަލްފުގެ ބައެއް ޤައުމުތަކަށް އީރާނުގެ ޙަމަލާތައް މުޅިން ވެސް އަމާޒުކުރަނީ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތު އޮތް ތަންތަނަށާއި އަސްކަރީ މަަރުކަޒުތަކަށެވެ. އަމިއްލަ ދިފާޢުގައި އީރާނުން ދެމުންދާ ވަރުގަދަ ރައްދުގެ ސަބަބުން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އެމެރިކާއިން ދެކުނު ހަނގުރާމަ ވަނީ ދިގުލާން ފަށައިފައެވެ.
ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުން ދަތިކޮށްފައި އޮތުމުގެ ސަބަބުން 1970ގެ އަހަރުތަކުން ފެށިގެން ތެލުގެ ޙާލަތު ގޯސް ނުވާ މިންވަރަށް ތެލުގެ ދަތިކަން މިހާރު ވަނީ ދުނިޔެއަށް ކުރިމަތިވެފައެވެ.