ޚަބަރު

ފަތުރުވެރިންނަށް އަމާޒުކޮށް 2 ވީޒާއެއް ތަޢާރަފްކުރަނީ


  • ވީޒާ ތަޢާރަފް ކުރަނީ ރިމޯޓް ވޯކަރސްއާއި ކޮންޓެންޓު ކްރިއޭޓަރސްއަށް

  • ފަސޭހައިން ވީޒާގެ މުއްދަތު އިތުރު ކުރެވޭނެ ގޮތްތަކެއް ދަނީ ހޯދަމުން

  • ފަތުރުވެރިން ގެނެވޭނެ އިތުރު ރޫޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފަތުރުވެރިންނަށް އަމާޒުކޮށްގެން 2 ވިސާއެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަަސައްކަތްތަކުގެ ތަފްސީލު ޙިއްސާކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ނިސްބަތުން ދަށްވެފައިވާ ކަަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން މިހާލަތުން އަރައިގަތުމަށް ފަތުރުވެރިން ގެނެވޭނެ އިތުރު ރޫޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ތާރިޤު ވިދާޅުވިއެވެ. އަދި
އެއާރލައިންތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރު ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރު ކުރަން ބޭނުންވާ ކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ، ނޮން އެރައިވަލް ވިސާ 30 ދުވަހަށް ކަމަށްވުމާއެކު އެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތާއެކު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު އިތުރުކުރެވި އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ތާރިޤު ވިދާޅުވީ، ރިމޯޓް ވޯކަރއަށް ޚާއްޞަ ވިސާއަކާއެކު ކޮންޓެންޓު ކްރިއޭޓަރސްއަށް ޚާއްޞަ ވިސާއެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތާއެކު ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށެވެ.

"ރިމޯޓް ވޯކާރސް ރާއްޖެއައިސް މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި ޚާއްޞަކޮށް ގެންސްޓު ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މިދެންނެވި ރިމޯޓް ވޯކަރ ނުވަތަ ކޮންޓެންޓު ކްރިއޭޓަރ ގިނަވެއްޖެނަމަ އެބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ އެހެންވީމައި އެދިމާލަށް މަސައްކަތް ކުރަމުންދަނީ." ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވީ، ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސްޕޯޓްސް ފިޝިން އަދި ބިގްގޭމް ފިޝިންގެ މަސައްކަތް ރެގިއުލޭޓްކޮށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ސްޕޯޓްސް ފިޝިން އަދި ބިގްގޭމް ފިޝިންއަކީވެސް 7.2 ބިލިޔަން މާކެޓެއް އޮތް މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް އަވަހަށް ޓެކްނިކަލް އެންޑް ރެކްރިއޭޝަން ޑައިވިންއަށް ހުޅުވާލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސުޕަރޔޮޓާއި ލިވަރބޯޑުގެ މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތުގެ އިތުރުން ހަލާލް ޓޫރިޒަމް އިތުރަށް ތަރައްޤީ ކުރުމާއި، އެޑިއުކޭޝަން އަދި ރިސާރޗް ޓުއަރިޒަމް ކުރިއަރުވަން ރިސާރޗް ހެދުމަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވިއެވެ.