މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ފޭސް1ގެ ބާކީ 4 ސެގްމަންޓްގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަގު ހެދުމުގެ މަސައްކަތް ފަށާތީ މިރެއިން ފެށިގެން އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތައް ފުލުހުން ވަނީ އާންމުކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް 2 އިން 5 އަށްވާ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މިރޭ 12:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސް، އާންމު ދަތުރުފަތުރަށް ބަންދުކުރާނެކަމަށެވެ. އަދި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، އެ ސަރަޙައްދުން ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.
ބޮޑުތަކުރުފާނު މަގުހެދުމުގެ މަސައްކަތުގެ ތެރެއިން މާދަމާ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޢިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ މަގުގެ ސަރަހައްދެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފޭސް 1ގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މީގެތެރެއިން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދާއި، ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ނިންމައި، އާންމުންނަށްވަނީ ހުޅުވާލާފައެވެ.
އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ފޭސް1ގެ ބާކީ ހިމެނޭ 4 ސެގްމަންޓުން 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކޮށް، މަގުގެ ޖާގަ ބޮޑުކުރުމަށް މަގު އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.
މަގު ހެދުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލުން ލަފާފުރާގޮތަށް ބަދަލުކުރުމަށް އެމްޓީސީސީންވަނީ ނިންމާފައެވެ. މި ސެގްމެންޓުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މަގު ހެދުމުގެ ފޭސް1ގައި ހިމެނޭ 4 ސެގްމެންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމުގެ އިތުރުން، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ. މަގުގެ މަސައްކަތް ކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައެއްނުވެއެވެ.