އެމެރިކާއާ ގުޅިގެން ޔަހޫދީން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި، ހަމައެކަނި ޙަމަލާތައް ހުއްޓާލައިގެން ނުފުދޭ ކަމަށާއި، އީރާނުން ބޭނުންވަނީ މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ކިޔޯޑޯ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޢަރާޤްޗީ ވިދާޅުވީ މި ހަނގުރާމައަކީ އީރާނުގެ މައްޗަށް ގަދަބާރުން މަތިކޮށްފައިވާ ހަނގުރާމައެއް ކަމަށެވެ.
މިގޮތުން، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާ ކުރެވެމުންދަނީ، އެއްވެސް އިންޒާރެއް ވެސް ދިނުމެއް ނެތި، ބައިނަލްއަޤުވާމީ ޤާނޫނުތަކާވެސް ކަނޑައެޅިގެން ޚިލާފަށް މި ނިރުބަވެރި ޢުދުވާނު އީރާނާ ދެކޮޅަށް ފެށިކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން މިހާރު ޢަމަލުކުރަމުންދަނީ އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދިފާޢުކުރުމުގެ މަސައްކަތް ކަމަށާއި، އެކަމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ޢަރާޤްޗީ ދެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހު ވެސް ޔަހޫދީންނާއި އެމެރިކާއިން ދިން ޢުދުވާނީ ޙަމަލާތަކުގެ ހިތި ތަޖުރިބާގެ އަލީގައި، މި ފަހަރު ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކުން ނުފުދޭނެއެވެ.
އީރާނުން މިހާރު ބޭނުންވަނީ، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނެސް، މުސްތަޤުބަލުގައި މިފަދަ ނިރުބަވެރި ޢުދުވާނެއް އީރާނާ ދެކޮޅަށް ނުފެށޭނެކަމުގެ ޔަޤީންކަން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ރައްކާތެރިކަންދޭނެ
އޭގެއިތުރުން، އީރާނުގެ ޙުއްދަ ދުރާލައި ހޯދައިގެން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އެ މުޙިންމު ކަނޑުއޮޅި ހުޅުވިފައި އޮތް ކަމުގެ ޔަޤީންކަން ޢަރާޤްޗީ ތަކުރާރުކުރެއްވިއެވެ.
ޢަރާޤްޗީ ވިދާޅުވީ، އެ ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާ ކަމަށް ޤާބޫލުނުކުރައްވާ ކަމަށާއި، އެ ކަނޑުއޮޅިން ދަތުުރުކުރުމުގެ ޙުއްދަ ނުލިބެނީ، އީރާނަށް ޙަމަލާދޭ، އީރާނުގެ ދުޝްމަނުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ޤައުމުތަކުގެ އުޅަނދުތަކަށް، ދުރާލައި އީރާނާ ވާހަކަ ދައްކައިގެން ހަމަޖެހޭ އުޞޫލެއްގެ ތެރެއިން ރައްކާތެރިކަމާއެކު އެ ކަނޑުއޮޅި ހުރަސްކުރެވޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.