ކުޅިވަރު

ބަންގާޅު ޓީމުގައި އެމެރިކާއަށް ނިސްބަތްވާ 2 ކުޅުންތެރިން


  • ރޮނާން ސުލިވަން އަދި ޑެކްލަން ސުލިވަން ބަންގްދޭޝްގައި ގުޅެނީ މައިފުށުން

  • މި ދެބެން ފިޔަވާ ދެން ތިބީ ބަންގްދޭޝްއަށް ނިސްބަތްވާ ކުޅުންތެރިން

  • ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަނުން މުބާރާތުގެ ސްކޮޑް އިއުލާންކުރީ ހުކުރުދުވަހު

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންނަ ބަންގްލަދޭޝް ޓީމުގައި އެމެރިކާއަށް އުފަން އެއްމާބަނޑު ދެބެން ހިމެނޭކަން ކަށަވަރުވެއްޖެއެވެ.

ހުކުރުދުވަހު ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަނުން 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުގައި އިއުލާންކޮށްފައިވާއިރު ސްކޮޑުން ޖާގަ ހޯދާފައިވާ 23 ކުޅުންތެރިންގެ ތެރޭގައި އެމެރިކާއަށް ނިސްބަތްވާ އެއްމާބަނޑު ދެބެންކަމަށްވާ ރޮނާން ސުލިވަން އާއި ޑެކްލަން ސުލިވަންވަނީ ޖާގަ ހޯދާފައެވެ.

މިއީ ބަންގްލަދޭޝް ޓީމުގައި ހިމެނޭ ހަމައެކަނި ބިދޭސީ ކުޅުންތެރިންނަށްވާއިރު، މި ދެބެންނަށް ފުރުސަތު ލިބިފައިވަނީ އެދެބެންގެ މައިފުށުގެ މާމަގެ ފަޅިން ބަންގްލަދޭޝްއާއި ގުޅިފައިވާތީއެވެ.

ހުނަރުވެރި ފުޓުބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ރޮނާން އާއި ޑެކްލަން އަކީ އެމެރިކާގެ، ފިލެޑެލްފިއާ ޔޫނިއަން އެކަޑަމީގެ ކުޅުންތެރިންނެވެ.

އެންމެ ފަހުގެ ޗެންޕިއަނުންކަމަށްވާ ބަންގްލަދޭޝްއިން މިމުބާރާތާއި ކުރިމަތިލަނީ އައިރިޝް ކޯޗެއްކަމަށްވާ މާރކް އެޑްވާޑްގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނެގި ޕްރެލިމިނަރީ ސްކޮޑުގައި ރޮނާން އަދި ޑެކްލަންގެ އިތުރުން އިތުރު ތިން ބިދޭސީ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނިއެވެ. އެހެންނަމަވެސް ރަސްމީ ސްކޮޑުން ޖާގަ ލިބިފައިވަނީ ހަމައެކަނި މި ދެބެންނަށްކަން ފާހަގަކޮށްލެވެއެވެ.

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ހިމެނެނީ ގްރޫޕް ބީ ގައި އިންޑިއާއި ޕާކިސްތާނާ އެކުގައެވެ. ބަންގްލަދޭޝްއިން މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ މިމަހުގެ 24 ވަނަ ދުވަހު އިންޑިއާއި ދެކޮޅަށެވެ. އެއަށްފަހު 28 ވަނަ ދުވަހު އިންޑިއާއާއި ދެކޮޅަށް ކުޅޭނެއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، ދެ ގުރޫޕުގެ ވެސް އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާއިރު ސެމީގެ ފުރަތަމަ މެޗު ކުޅޭނީ އޭޕްރިލް 1 ގެ ހަވީރެވެ. އެރޭ ސެމީގެ ދެވަނަ މެޗު ކުޅޭނެއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޭޕްރިލް މަހުގެ 3 ވަނަ ވަނަ ދުވަހުއެވެ.