20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމަކީ ހުނަރުވެރި ޓީމެއްކަމަށާއި އެޓީމު ވާނީ މުސްތަގުބަލުގައި ފެންނާނެ ރާއްޖޭގެ އެންމެ ވަރުގަދަ ސީނިއާ ގައުމީ ޓީމަށްކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ހާމަކުރައްވައިފިއެވެ.
ޒަރީރު މިކަން ހާމަކުރީ ޕީއެސްއެމް ނިއުސްގެ ކުޅިވަރު ވިންދު ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައެވެ. ޒަރީރު ވިދާޅުވީ ރާއްޖޭގެ ޒުވާން ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ނިސްބަތްވާ ޓީމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އެކުދިންގެ ތެރެއިން ގިނަ ކުދިންނަކީ މިހާރުވެސް ފަސްޓް ޑިވިޝަނުގައި ކުޅެމުން އަންނަ ކުދިންނަށްވާއިރު، ކުލަބުތަކުން ޒުވާން ކުޅުންތެރިންނަށް ދޭ ފުރުސަތުތަކުގެ ސަބަބުން ވަރުގަދަ ހުނަރުވެރި ކުޅުންތެރިންތަކެއް ގައުމުގައި އުފެދޭކަމަށެވެ. މިއީ އުންމީދީ މަންޒަރެއްކަމަށް ޒަރީރު ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ފުޓުބޯޅައަށް ވަރަށް އުންމީދީ ކަންތައްތަކެއް ވަމުން އެބަދޭ. އެއްވެސް ޤައުމެއްގައި ނުވަތަ ތަނެއްގައި ޒުވާން ޓީމެއް ބިލްޑްވެގެން އަންނަންޏާ އެއީ ވަރަށް އުންމީދީ ކަމެއް" ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިން މިހާރުވެސް ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ އިސް ސަފުގައި ވާދަކުރުމަކީ މުސްތަގުބަލަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. ޅަ އުމުރުގައި ލިބޭ ފުރުސަތުތަކުގެ ސަބަބުން އެކުދިން ވާނީ މޮޅެތި ކުޅުންތެރިންނަށްކަމަށާއި، މިވަގުތު ރާއްޖޭގައި އޮތް 20 އަހަރުންދަށުގެ ޓީމަކީ މުސްތަގުބަލުގައި ފެންނާނެ ރާއްޖޭގެ އެންމެ ވަރުގަދަ ސީނިއާ ގައުމީ ޓީމަށްވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
”އަޅުގަނޑަށް ވަރަށް ޔަގީންކޮށް ބުނެވިދާނެ މި އުފެދިގެން އަންނަ 20 އަހަރުންދަށުގެ ޓީމަކީ ހަގީގަތުގައި މިއީއޭ އަޅުގަނޑުމެންގެ ފިއުޗަރއަކީ. ސީނިއާ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޓީމަކަށްވެގެންދާނީ މިކުދިން. މިހާ ޅައުމުރުގައި މިކުދިން މިހާ ރަނގަޅަށް ފުރުސަތު ލިބި، ފަސްޓް ޑިވިޝަނުގައި ރާއްޖޭގެ އެންމެ ޓޮޕް ލެވެލްގައި ވަރަށް ގިނަ ކުޅުންތެރިން މަސައްކަތްކުރަނީ" ޒަރީރު ވިދާޅުވެފަވެއެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕު ފަށާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މިއީ އުމުރުފުރާތަކަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ސާފުން މުބާރާތުގެ މެޗު ތާވަލު އާންމުކޮށްފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލާއި ބޫޓާން ބައްދަލުކުރާނީ 23 ވަނަ ދުވަހު ހަވީރެވެ. އެރޭ އޮންނަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މުބާރާތް ހުޅުވާ މެޗުގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނެއެވެ.
މުބާރާތުގައި ރާއްޖެއިން ދެވަނަ މެޗު ކުޅޭނީ 25 ވަނަ ދުވަހުގެރޭ، ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނުކުންނާނެއެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، ދެ ގުރޫޕުގެ ވެސް އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާއިރު ސެމީގެ ފުރަތަމަ މެޗު ކުޅޭނީ އޭޕްރިލް 1 ވަނަ ދުވަހު ހަވީރެވެ. އެރޭ ސެމީގެ ދެވަނަ މެޗު ކުޅޭނެއެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޭޕްރިލް 3 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ ލަންކާއާއި ނޭޕާލާއި ބޫޓާނެވެ.
ގްރޫޕް ބީގައި ހިމެނޭނީ ތިން ޓީމެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ.