ތަޢުލީމު

ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމަށް ހިންގަވާ 3 ވަނަ ޕްރޮގްރާމް


ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާނެ ދިވެހި ޕްރިންސިޕަލުންގެ ޢަދަދު އިތުރުކުރެއްވުމުގެ މަޤްޞަދުގައި މެލޭޝިއާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވާރސިޓީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ހިންގަވާ ތަމްރީނު ޕްރޮގްރާމްގެ ތިން ވަނަ ބުރު ފައްޓަވައިފިއެވެ.

"ލީޑާޝިޕް ވާރކްޝޮޕް އޮން އޮން ޕާސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑާސް" ނަމުގައި ލ.ގަމު ގައި ހުންނަ ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގައި 3 ދުވަހުގެ މުއްދަތައް ކުރިއަށްގެނދަވާ މި މަސައްކަތު ބައްދަލުވުމުގައި މ، ފ، ދ، ތ އަދި ލ އަތޮޅުގެ ސްކޫލްތަކުގައި މަސައްކަތްކުރާ 27 ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުން އަދި ޓީޗަރުން ބައިވެރިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުންނެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ މެނޭޖްމަންޓާއި ލީޑާޝިޕްއާއި ގުޅުން ހުރި ދާއިރާތަކުންނެވެ. މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ލީޑިންގ ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ޢަދަދު އިތުރުވެގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

img:http://s2.psmnews.mv/images/660x400/14747306068714.jpg|ޕްރިންސިޕަލުންގެ އަދަދު އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމްގެ 3 ވަނަ ބުރުގެ ތެރެއިން- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ޕްރޮގްރާމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރު ކުރިއަށް ގެންދަވާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފުވައްމުލައް، އައްޑޫ، ގދ، ގއ އަދި މާލެ އަތޮޅުން 32 ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުން އަދި ޓީޗަރުން ބައިވެރިވެފައިވެއެވެ. އަދި ދެވަނަ ބުރުގައި ހއ، ހދ، ށ، ނ އަދި ރ އަތޮޅުން 30 ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުންނާއިީ ޓީޗަރުން ބައިވެރިވެފައިވެއެވެ.

މިހާރު ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ 46 އިންސައްތައެވެ. އަދި ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ނަމުގައި މިއަހަރުގެ ތެރޭގައި ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ ސުކޫލްތަކަށް ޕްރިންސިޕަލުން ޒިޔާރަތްކޮށް ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމުގައި އެ ސުކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސް ވަނީ ތަޖުރިބާ ކޮށްފައެވެ. ހަމަ އެއާއިއެކު، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ތައްޔާރުކޮށް ނެރެފައިވާ އިރު، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި ސްކޫލްތަކުން އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި ވަކި ވަކި އަތޮޅުތަކުގެ ހުރިހާ ޕްރިންސިޕަލުންނަށް ޚާއްސަ ކުރަވައިގެން ސިލްސިލާ ބައްދަލުވުންތަކެއް އަންނަނީ ބާއްވަަވަމުންނެވެ.