ތަރައްްޤީ

ގުރައިދޫ މަރުކަޒުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް


ކ.ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ޙާލަތު ރަނގަޅުކުރެއްވުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމަރުކަޒުގެ ޙާލަތު ރަނގަޅުކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ބަލިމީހުން ބައިތިއްބާފައިވާ ވޯޑްތައް މަރަމާތުކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމް. ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޤާސިމް ވިދާޅުވީ ގުރައިދޫ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރުވެސް 5 ޕްރޮޖެކްޓެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރައްވައިގެން ކުރިޔަށް ގެންދަވާކަމަށެވެ.

"އެތަނުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ބަލިމީހުން ބައިތިއްބާފައިވާ ވޯޓްތައް ރަނގަޅު ފެންވަރަކަށް މަރާމާތު ކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރަމުންދަނީ. ވޭތުވެދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ބަޔަކާ ހަވާލުކުރައްވާފައި. މީގެ ތެރޭގައި ހަލާކުވެފައި ހުރި 5 ނަންބަރުގެ ދެބުރިއަކަށް ހުންނަގެއެއް. މަރާމާތު ކުރުމަށްޓަކައި ބަޔަކާ ޙަވާލުކޮށް ނިމި، މީހުން އެގެއަށް ބަދަލުކޮށްފައިވާކަމަށް. 6 ނަންބަރުގެ ގޭ ތިބި މީހުން 5 ނަންނބަރުގެއަށް ބަދަލު ކުރެވިފައިވާކަމަށް. އަދި 6 ނަންބަރުގެ މަރާމާތުކުރުމަށް ބަޔަކާ ހަވާލުކުރެއްވިފައިވަނީ. 5 ނަންބަރުގެ ތީރީބައިވެސް މަސައްކަތްވސް ވަނީ ބަޔަކާ ޙަވާލުކުރައްވާފައި. 1،2،3 ގޭގެ މަސައްކަތްވެސް މަރާމާތު ކުރުމަށްޓަކައި ވަނީ ބަޔަކާއި ޙަވާލުކުރައްވާފައި." ޤާސިމް ވިދާޅުވިއެވެ.

އެމަރުކަޒުގައި ހުންނަ ބަލިމީހުން ދިރިއުޅޭގެތައް މަރާމާތު ކުރެއްވުމުގެ އިތުރުން، ބަލިމީހުންނަށް ފަސޭހައިން އުޅެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރެއްވުމަށްވެސް ހެލްތް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގޯތިތެރޭގައި ހިނގާބިގާވެ ނޫޅެވޭ މީހުންނަށް ވީލްޗެއަރގައި ދަތުރުކުރެވޭނެގޮތަށް އެ މަރުކަޒުގެ ގޯތިތެރޭގައި ގާއެތުރުއްވުމުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވާފައެވެ. ގާއެތުރުއްވުމުގެ މަސައްކަތުގެ 33 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

"މަރުކަޒު ގޯތިތެރޭގައި ހުންނާނެ ސިއްހީ ހިދުމަތްދޭ ބައެއް އަދި އެނޫންވެސް ރިކްރިއޭޝަން ކަންތައްތަކާއި އަދި ހަމައެއާއެކު އެއްގެއިން އަނެއްގެއަށް ދަތުރުކުރެވޭނެ ގޮތާއި  މިސްކިތަށް ދަތުރުކުރެވޭނެ ގޮތާއި މިކަހަލަ އެއްތަނުން އަނެއްތަނަށް ގޯތީގައި ދަތުރު ކުރުމަށްޓަކައި ހިނގާ ބިނގާވެ ނޫޅެވޭ މީހުންނަށް އަމިއްލަ ޒާތުގައި ދަތުރު ފަތުރުކުރުމަށް އިންތިޒާމް ކުރެވިގެންދާނެ." ޤާސިމް ވިދާޅުވިއެވެ.

ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފެން ތަޣައްޔަރުވެފައިވާކަން ފާހަގަކުރައްވަމުން ހެލްތު މިނިސްޓްރީން ވިދާޅުވީ އެމަރުކަޒުގައި ހުންނަ ގެތަކަށް ފެންގުޅައިދިނުމުގެ މަސައްކަތްވެސް ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވާފައިވާ ކަމަށާއި، އެ މަސައްކަތް ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭވަރުވާނެކަމަށެވެ.

ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބެމުން އަންނަ މަރުކަޒެކެވެ. އެގޮތުން އެމަޒުކަޒަށް ވަނީ ކުނިއަންދާ މެޝިނެއް، ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު ހަދިޔާކޮށްފައެވެ. ކުނިއަންދާ މެޝިން އިންސްޓޯލްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ޤާސިމް ވިދާޅުވިއެވެ.

"ގެތައް މަރާމާތުކޮށް ނިމޭއިރު ގެތަކަށް ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗާއި މިނޫންވެސް ތަކެތިވސް ދަނީ ހޯދަމުން. މީގެ ވަރަށް ބޮޑުބައެއް އަދާކުރޭ ހެޔޮއެދޭ ފަރާތްތަކުން. އެގޮތުން ގެތަކަށް ބޭނުންވާ އެނދާއި އަލަމާރިއާއި އެނޫންވެސް އެހެނިހެން ތަކެތި ހަދިޔާކުރައްވާ ހެޔޮއެދޭ މީހުން. އަދި ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކުރައްވާ. ބަދިގެއަށް ބޭނުންވާ އިންޑަސްޓްރިއަލް މެޝިނަރީޒްފަދަ ތަކެތިވެސް ހޮޔޮ އެދޭފަރާތްތަކުން ހަދިޔާ ކުރައްވާ" ޤާސިމް ވިދާޅުވިއެވެ.

އަންނައަހަރު ފެށޭއިރު، ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މަރުކަޒަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވޭ ފަދަ ތަނަކަށް ބަދަލުކުރެވޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.