ޚަބަރު

މާޅޮހު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފަށްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް

އަރިއަތޮޅު އުތުރުބުރީ މާޅޮހު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ. މާޅޮހުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.

އަރިއަތޮޅު އުތުރުބުރީ މާޅޮހު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، މާޅޮހު ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މާޅޮހުގައި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ އެރަށުގެ ސިއްޙީ މަރުކަޒުގެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށްކަމަށް ސިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.