ދުނިޔެ

ފަލަސްތީނުގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓާލުމަށް ގޮވާލައިފ


ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތަކީ، ދެ ޤައުމުގެ ދެމެދުގައި ޞުލްޙަ ޤާއިމްކުރުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް، މެދުއިރުމަތީގެ ޞުލްޙައަށް މަސައްކަތް ކުރާ ކުއާޓެޓުން ބުނެފިއެވެ.

އެމެރިކާއާއި އދ.އާއި ވިލާތުގެ އިއްތިހާދު އަދި ރަޝިޔާގެ މައްޗަށް އެކުލެވިގެންވާ ކުއާޓެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ، އެ ފަރާތްތަކުން ދެކޮޅުކަމަށެވެ. އަދި، މިއީ ފަލަސްތީނާއި އިސްރާއީލާއި ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އޮތް ނުރައްކަލެއް ކަމަށާއި، މިއީ އެކަމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށްއެފަރާތުން ބުނެފައިވެއެވެ.

ކުއާޓެޓުން އިތުރަށް ބުނީ، އިސްރާއީލުގެ ޢަމަލުތަކަކީ، ފަލަސްތީނާއި އިސްރާއީލުގެ ދެ ދައުލަތް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބުވުމުގެ އަސްލުކަމަށެވެ.

ފަލަސްތީނާއި އިސްރާއީލުގެ ޞުލްޙައިގެ މަޝްވަރާތައް، މީގެ ދެ އަހަރު ކުރިންވަނީ ނާކާމިޔާބުވެ، ހުއްޓުމަކަށް އައިސްފައެވެ. މި ދެ ޤައުމުގެ މެދުގައި ޞުލްޙަ ޤާއިމް ކުރަން މަސައްކަތްކުރާ ކުއާޓެޓުން މިދިޔަ ޖުލައި މަހުވަނީ، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފައެވެ. ނަމަވެސް، އިސްރާއީލުން އެ ގޮވާލުމަށް އެއްވެސް ވަރަކަށް އިޖާބަދީފައެއް ނުވެއެވެ.