ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދޭން ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާހަކީ ވަޒީފާ އަދާކުރާ މައިންނަށް ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. މި އިސްލާހު ރައީސް ތަސްދީގުކުރައްވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިފުޅަށް 2 އަހަރު ފުރެންދެން މުވައްޒަފުންނަށް ދަރިފުޅު ބެލެހެއްޓުމަށްޓަކައި ވަގުތު ދިނުމަށް (ޗައިލްޑްކެއާ ޓައިމް-އޮފް) ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަށް ހޫނު މަރުޙަބާއެއް ކިޔާކަމަށެވެ.
މި މުހިންމު ނިންމުމަކީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެއްކަމަށް ރައީސްގެ އަނބިކަނބަލުން ލ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މިއީ މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވެ، ތަރުތީބުން ގާތުން ދިނުން ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތަކަށް ވާއިރު، މިއީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކަށް ވާޞިލުވުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.
I warmly welcome the amendment to the Employment Act extending childcare time-off for employees until their child reaches two years of age. This important step supports working mothers in balancing their professional and family responsibilities, while promoting maternal health…
— First Lady Sajidha Mohamed (@sajidhaamohamed) March 16, 2026
މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުރިން ޤާނޫނުގައިވާ ގޮތުން ވަޒީފާގެ ވަގުތުން ދަރިފުޅަށް ވަގުތު ދެވޭނީ ދަރިފުޅަށް 1 އަހަރުވަންދެނެވެ.
ނަމަވެސް ޤާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށްފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހޭނެއެވެ. އެގޮތުން، މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.މިއީ މި މަހުގެ 8ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.