ތަރައްްޤީ

ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ނުކުރުމަށް ސީމެގުން ނިންމައިފި


ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ނުކުރުމަށް ސީމެގުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ނިއުޔޯކްގައި ބޭއްވި ސީމެގްގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވުނު ސީމެގްގެ ބައްދަލުވުމުގައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހުރި މައްސަލަތައް ޙައްލުކޮށް ސިޔާސީ ކަންތައްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްވެސް ޝަރުތަކާނުލާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރުން ސިޔާސީ ޕާޓީގެ މަޝްވަރާއަށް ގޮވާލައި ކުރަމުންދާ މަސައްކަތްތަކަށް މަރުޙަބާކިޔައި އދ. އިން އެކަމަށް ދެމުންދާ އެއްބާރުލުން ސީމެގްގެ މިނިސްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ސީމެގުންވަނީ ރާއްޖޭގެ ކަންތައްތައް މޮނިޓަރ ކުރަމުން ދިއުމަށްވެސް ނިންމާފައެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމެނުމާމެދު ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން އިސްލާޙް ކުރުމަށް ފެންނަ 6 ކަމެއް އެގްރޫޕުން ފާހަގަކޮށްފައިވެއެވެ. ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވީ ފޮރިން މިނިސްޓަރު، ޑރ.މުހައްމަދު އާސިމާއި އެެޓާނީ ޖެނެރަލް އަލްއުސްތާޛް މުހައްމަދު އަނިލްއެވެ.

ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ނުކުރުމަށް މި ނިންމީ ރާއްޖެ ސަސްޕެންޑް ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ރާއްޖެއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާ ކެމްޕެއިނެއް ކުރަމުން ދަނިކޮށެވެ.