ޚަބަރު

އީރާންގެ ޙަމަލާތައް ކުށްވެރިކޮށް، ހަމަޖެހުމަށް ޤަޠަރާއި ސަޢޫދީން ގޮވައިލައިފި


ޔަހޫދީ ދައުލަތާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ރައްދުގައި، އީރާނުން ދިފާޢީ ގޮތުން ދެމުންދާ ޙަމަލާތައް ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަޑީގައި ހުރެ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ.

އީރާންގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއާއި އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ ތެދުވެ، ރައްދު ޙަމަލާ ދޭން ފަށާފައެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށެވެ. ޙަމަލާތަކުގައި ޔަހޫދީންގެ ރަށްތަކާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، ހަތިޔާރާއި، އަސްކަރީ އަދި ދިފާޢީ ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަލް-އަމީރު ފަޔިޞަލް ބިން ފަރްޙާން ބިން ޢަބްދުالله އަލް-ސަޢޫދާ ފޯނުން ގުޅުއްވައި، ސަރަޙައްދީ ސަލާމަތަށް ހުރި ނުރައްކާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ދެ ބޭފުޅުން ވެސް ވަނީ އީރާނުން ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އަވައްޓެރި ޤައުމުތަކަށް ދެމުންދާ ޙަމަލާތަކަކީ އެއްވެސް އުސޫލެއް ނެތް ޙަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވައި، ބުއްދި އިސްކޮށް، މަޝްވަރާގެ މޭޒަށް އެނބުރި ދިއުމަށް ގޮވައިލައްވާފައެވެ.

އެމެރިކާއާއި ޞަހްޔޫނީ ދައުލަތުގެ ފައުޖުތަކުން އަދިވެސް ދަނީ އީރާނުގެ ވެރިރަށް ތެހްރާނާއި، ހަމްދާން އަދި އެޞްފަހާނަށް މެދުނުކެނޑި ބޮންއަޅަމުންނެވެ. އީރާނުގެ ރައްދު ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވުމަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާފައެވެ. އީރާނުން ވެސް ދަނީ މެދުކެނޑުމެއް ނެތި ރައްދު ޙަމަލާ ދެމުންނެވެ. ސަޢޫދީގެ ދިފާޢީ ވުޒާރާއިން ބުނީ ރިޔާޟް ސަރަޙައްދަށް އަމާޒުވި ހަތަރު ޑްރޯނެއް ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި ޤަޠަރުގެ ދިފާޢީ ބާރުތަކުން ވަނީ އެ ޤައުމަށް އަމާޒުވި ހަތަރު ބެލިސްޓިކް މިސައިލާއި ޑްރޯންތައް ވެސް ދިފާޢު ކޮށްފައެވެ.

ފެބުރުވަރީ 28 އިން ފެށިގެން އެމެރިކާއާއި ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި އީރާނުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,444 އަށް އުފުލިފައެވެ. އަދި، އިތުރު 18,551 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އީރާންގެ ރައްދު ޙަމަލާތަކުގައި ޞަހްޔޫނީ ދައުލަތުން 15 މީހުން މަރުވެފައިވާއިރު، އެމެރިކާގެ ސިފައިންގެ 13 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އެމެރިކާގެ މަތިންދާބޯޓެއް ޢިރާޤަށް ވެއްޓި ސިފައިންގެ ހަ މީހުން މަރުވެފައިވާއިރު، ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ ދެ މީހަކު މަރުވެ 12 މީހަކު ޒަޚަމުވެފައެވެ.