މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު ދިވެހި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މެނޭޖު ކުރަމުންދަނީ ރޭވުންތެރި ކަމާއެކުގައި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މަޓާޓޯގެ ނައިބު ރައީސް މުޙައްމަދު ޝާޒް ވަލީދު ވިދާޅުވީ، މެދުއިރުމައްޗަކީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ޓްރާންސިޓް ހަބެއްގެ ގޮތުގައި ބޭނުންކުރާ ސަރަޙައްދެއް ކަމަށެވެ. އެ ސަރަޙައްދުން ގިނަ އަދަދެއްގެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރާއިރު މިހާރު ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއެކު ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށް ޤައުމެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާޒް ވިދާޅުވީ، މި ދުވަސްވަރަކީ މާޔޫސްވުމުގެ ބަދަލުގައި އުއްމީދު އައުކޮށްގެން، އެހެން ޤައުމުތަކާ ތަފާތުކޮށް ޤައުމުގެ ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރަންވީ ދުވަސްވަރު ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ފަތުރުވެރިން ތާށިވި އަދަދަށް ބަލާއިރު ރާއްޖޭގައި އެ ފަރާތްތަކަށް ބޭނުންވާ ކަންކަން ހަމަޖެހިގެން ދިޔައީ ރަނގަޅަށް ކަމަށްވެސް ވިދާޅުވިއެވެ.
"ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެއް އެއީ ސަރުކާރުން ކަންކަން ވަރަށް ފުރިހަމަކޮށް ކަންކަން ކުރެވިގެން ޙަޤީޤަތުގައި ޓުއަރ އޮޕަރޭޓަރުންނާ ހަމައަށް، މިސާލަކަށް އަޅުގަނޑުމެންނަކީވެސް ޓުއަރ އޮޕަރޭޓަރުން ގެންގުޅޭ ބައެއް. އަދި ޓްރެވަލް މަސައްކަތްވެސް ކުރާ ބައެއް. އެހެންވީމަ އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވުނު މިފަހަރު ތަންކޮޅެއް ސްމޫތުކޮށޭ ކަންކަން ދިޔައީ، އެހެން ޤައުމުތަކާ އަޅާބަލާއިރު،" މަޓާޓޯގެ ނައިބު ރައީސް ޝާޒް ވިދާޅުވިއެވެ.
ޝާޒް ފާހަގަކުރެއްވި ގޮތުގައި މި ދުވަސްވަރު ރާއްޖޭގައި އިންވެސްޓް ކޮށްގެން ރިސޯޓުތައް ހިންގާ ބައިނަލްއަޤުވާމީ ކުންފުނިތަކުގެ އެއްބާރުލުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނުލިބެއެވެ. ނަމަވެސް ރާއްޖޭގެ ކުންފުނިތަކުން ފަތުރުވެރިކަމުގެ ދާއިރާ ހިފެހެއްޓުމަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
މަޓާޓޯއިން ވިދާޅުވާ ގޮތުގައި މެދުއިރުމަތީގައި ދިމާވެފައިވާ ހަމަނުޖެހުންތަކާއެކުވެސް ރާއްޖެއަށް އޮތް ޑިމާންޑަކަށް ބަދަލެއް ނާދެއެވެ.