ޚަބަރު

މިރަމަޟާން މަހު މަސްޖިދުލް ޙަރަމަށް ރެކޯޑު އަދަދަކަށް މީހުން


  • ފުރަތަމަ 20 ދުވަހު 73 މިލިޔަނަށްވުރެ ގިނަ މީހުންވަނީ ޙަރަމަށް ވަދެފައި

  • ފަހު 10 ގެ އޮނިހިރި ރޭތަކުގައި މިނިސްބަތް އިތުރުވެގެންދާނެ

ރަމަޟާން މަހުގެ ފަހު 10 އަކާއި ދިމާކޮށް މަސްޖިދުލް ޙަރަމްގައި ވަރަށް ބާރު ބޮޑުވެއެވެ. ވަކިން ޚާއްސަކޮށް ފަހު 10 އެއްގެ އޮނަހިރި ރޭތަކުގައި މިސްކިތުގައި ހޭދަކުރާ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވެއެވެ.

މަސްޖިދުލް ޙަރަމްގައި މިހާރު ގާތްގަނޑަކަށް އެއްފަހަރާ 3 މިލިއަނެއްހާ މުސްލިމުންނަށް އަޅުކަމުގައި ޙަރަކާތްތެރިވެވޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިސްކިތް ބޮޑުކުރުމަށް ކުރެވޭ މަސައްކަތާއެކު މިޢަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު މިސްކިތުގައި އަޅުކަމަށްދާ މީހުންގެ ނިސްބަތްވެސް ދަނީ ރެކޯޑު މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން މިރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ނަމާދުތަކަށާއި، ދަމުނަމާދުކުރުމަށް 57 މިލިއަނަށްވުރެ ގިނަ މުސްލިމުން ޙަރަމަށް ގޮސްފައިވާކަމަށްވަނީ ރިކޯޑުކުރެވިފައެވެ. އަދި ފުރަތަމަ 20 ދުވަހުގެ ތެރޭގައި 15 މިލިއަނަށްވުރެ ގިނަ މީހުންވަނީ ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ. މިއާއެކު ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޙަރަމަށް 73 މިލިޔަނަށްވުރެ ގިނަ މުސްލިމުންވަނީ ޒިޔާރަތްކޮށްފައެވެ. މަސްޖިދުލް ޙަރަމްގެ ތާރީޚުގައިވެސް މިރަމަޟާން މަހަކީ އެންމެ ބާރު ބޮޑު މަހުގެ ގޮތުގައިވަނީ ރެކޯޑުކުރެވިފައެވެ.

އެހެންކަމުން ފަހު 10 އަކާއި ދިމާކޮށް އަޅުކަމަށް އަންނަ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ޙަރަމްގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރައްވައެވެ. އެގޮތުން މިދުވަސްތަކުގައި ޢުމްރާކުރުމަށް އައުން މަދުކުރުމަށް އިލްތިމާސްކުރައްވާފައިވާއިރު، ޢުމްރާ ކުރަން އެދޭ ފަރާތްތަކުން ފަތިހު 05:00 އިން ހެނދުނު 08:00 އާއި ދެމެދު އަދި ހަވީރު 04:00 އިން ރޭގަނޑު 10:00 ޖެހުމާއި ދެމެދު މީހުން ކޮންމެވެސް ވަރަކަށް މަދުވާ ވަގުތުތަކުގައި ކުރުމަށްވަނީ ބާރުއަޅުއްވާފައެވެ. މިރަމަޟާން މަހު އެއްދުވަހެއްގެ ތެރޭގައި 9 ލައްކައަށްވުރެ ގިނަ ޢުމްރާވެރިންވަނީ ޢުމްރާގެ އަޅުކަން އަދާކޮށްފައެވެ.

އޮނަހިރި ރޭތަކުގައި ޙަރަމްގައި ހޭދަކުރާ މީހުން ގިނަވެ، ބައިބޯވުން ކޮންޓްރޯލްކުރުމަށް ނަމާދުތަކާއި ދިމާކޮށް ޙަރަމްގެ ބައެއް ސަރަޙައްދުތައް ބަންދުވެސްކުރެއެވެ. މިސްކިތަށްދާ މީހުންގެ ރައްކާތެރިކަމަށްޓަކައެވެ.

ޙަރަމްގެ ތެރޭގައި މީހުން ކޮންޓްރޯލްކޮށް، ފިތިބާރުވެގެން ހިނގާފާނެ ޙާދިސާތައް މަދުކުރުމަށް ގިނަ ޢަދަދެއްގެ ސެކިއުރިޓީ އޮފިސަރުންނާއި، ސިފައިންނާއި ގައިޑުންނާއި، ސްކައުޓުންވެސްދަނީ މަސައްކަތްކުރަމުންނެވެ.