ޚަބަރު

ޓޮޓެންހަމް މެޗަކީ ކުލަބުގެ ފެންވަރު ސާބިތުކޮށްދޭން ލިބޭ ފުރުސަތެއް: ސްލޮޓް


  • ލިވަޕޫލުން އެންމެފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައި

  • ޓޮޓެންހަމްއާއި ލިވަޕޫލް ބައްދަލުކުރާ މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭ

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުރިއަށް އޮތް މެޗުގައި ޓޮޓެންހަމް ހޮޓްސްޕަރ އާ ދެކޮޅަށް ލިވަޕޫލް ކުޅެން އޮތް މެޗަކީ، ޓީމުގެ ސަޕޯޓަރުންނަށް ޓީމުގެ ފެންވަރު ސާބިތުކޮށްދޭން ލިބޭ ފުރުސަތެއްކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލިވަޕޫލް އިން އެންމެފަހުން ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ މެޗުން 1-5 އިން ލިވަޕޫލް ހޯދި މޮޅާއެކު އެ ޓީމުން ވަނީ ޕްރިމިއަރ ލީގުގެ ޓައިޓަލް ވެސް ހޯދާފައެވެ.

އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްލޮޓް ބުނީ، އެންމެފަހުން އަމިއްލަ ދަނޑުގައި، ލީގުގައި ޓޮޓެންހަމް އަތުން ހޯދި މޮޅާއެކު ލިބުނު ބޮޑު ކާމިޔާބީއަކީ އޭނާއަށް ވެސް އަދި ވަރަށް ގިނަ ބަޔަކަށް ވަރަށް ހާއްސަ މޮޅެއް، އަދި ކާމިޔާބީއެއް ކަމަށެވެ. އެހެންނަމަވެސް އޭރު ލިވަޕޫލްގެ ހާލަތާއި ޓީމު މިހާރު އޮތް ހާލަތާ ހާސްބައި ތަފާތު ކަމަށް އޭނާ ބުންޏެވެ.

ލިވަޕޫލް އިން ލީގުގައި އެންމެފަހުން ކުޅުނު މެޗުން ވުލްވްސް އަތުން އަތދި އެ ފަހުން ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއި އަތުން ވެސް ވަނީ ބަލިވެފައެވެ. ކަން މިހެން އޮތުމާއެކު ސްލޮޓް ބުނީ، މި މެޗު ވެގެންދާނީ ޓީމުގެ ސަޕޯޓަރުންނަށް، ޓީމުގެ ހަގީގީ ފެންވަރު ސާބިތުކޮށްދޭން ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ކަމަށެވެ.

ޙާއްސަ ގޮތެއްގައި މިއީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި، އަމިއްލަ ދަނޑުގައި ކުޅޭ މެޗަކަށް ވުމުން، މެޗުން ތިން ޕޮއިންޓު ހޯދުން ނުހަނު މުހިންމުކަމަށް އޭނާ ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި، ޕްރިމިއަރ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް އެންމެފަހުން ކުޅުނު 31 މެޗުގެ ތެރެއިން ލިވަޕޫލް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ބާކީ 30 މެޗުގެ ތެރެއިން 21 މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، 9 މެޗުން ވަނީ އެއްވަރުވެފައެވެ.

މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ލިވަޕޫލުން ނެރެމުން އަންނަ ނަތީޖާއަށް ބަލާލާއިރު، ލީގު ތާވަލުގައި ލިވަޕޫލަށް، 29 މެޗުން 48 ޕޮއިންޓާއެކު ލިބެނީ ހަވަނައެވެ.