ޚަބަރު

އީރާނުގެ ހުއްދައާއެކު ތުރުކީވިލާތުގެ އުޅަނދެއް ހުރުމުޒް ކަނޑުއޮޅި ހުރަސްކޮށްފި


ތުރުކީވިލާތުގެ ބޯޓެއް ހުރުމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފައިވާ ކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ރައްދުގައި އީރާނުން ދަނީ ޔަހޫދީ ދައުލަތަށާއި، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަޒުކަޒުތަކަށާއި މުދަލަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އަދި ގޭހާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފައެވެ. އެއާއެކު އެ ސަރަޙައްދުގައި އެތައް ސަތޭކަ އުޅަނދެއް ތާށިވެ، މިއިން ޒަމާނަކު ނުއުފުލޭ ވަރަށް ތެލުގެ އަގުތައް ދަނީ އުފުލެމުންނެވެ.

ތުރުކީވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު، އަބްދުލްކާދިރު އުރަަލޮގްލު ވިދާޅުވީ ތުރުކީވިލާތުގެ 15 އުޅަނދެއް ހުރުމުޒް ކަނޑުއޮޅީގައި ތާާށިވެފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ ޙުއްދައާއެކު އޭގެ ތެރެއިން އެއް އުޅަނދަށް ރައްކާތެރިކަމާއެކު އެ ކަނޑުއޮޅި ހުރަސްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަލްފް ސަރަޙައްދާއި އިންޑިޔާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ އެ މަގެއް މެދުވެރިކޮށް ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ މަގެވެ. ހަނގުރާމައިގެ މި ޙާލަތުގައި އެ ކަނޑުއޮޅި ހުރަސް ކުރުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރާ އުޅަނދު ފަހަރަށް އީރާނުން ޙަމަލާ ދެމުންދާއިރު، މި ޙާލަތުގައި އެ ކަނޑުއޮޅި ބޭނުން ކުރެވެނީ އީރާނުން ޙުއްދަދޭ އުޅަނދުތަކަށް އެކަންޏެވެ. ހަނގުރާމަ ފެށުނު ފަހުން ހުރުމުޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނުން 11.7 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ބޭރުކޮށްފައިވާކަމަށް ޓޭންކަރުތަކުގެ މަޢުލޫމާތު ބަލަހައްޓާ ޖަމްޢިއްޔާ ޓެންކަރޓްރެކަރ އިން ބުނެއެވެ.

ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރުމަށް ހުރަސްއަޅާނެ ކަމަށް އީރާނުން ބުނުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަނޑުއޮޅި ހުރަސް ކުރުމަށް ތެޔޮ ޓޭންކަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އެހީތެރިވާނެ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރާއިރު އެ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް، އުޅަނދުތަކާއެކު އެމެރިކާގެ މަނަވަރުތައް ދަތުރުކުރާނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް މި ވަގުތު އެ ގޮތަށް ޢަމަލުކުރުމަކީ ރައްކާތެރި ކަމެެއް ނޫން ކަމަށާއި، ޙަމަލާގެ ނުރައްކާ މާ ބޮޑު ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ ބުނަމުންނެވެ. ތެޔޮ ޓޭންކަރުތަކާއެކު މަނަވަރުތަކަށް ދަތުރުކުރެވޭނީ ޙަމަލާގެ ނުރައްކާ ކުޑަވުމުން އެކަނި ކަމަށް ވެސް އެމެރިކާގެ ނޭވީއިން ބުނެފައިވެއެވެ.