ޚަބަރު

ހެދުނީ ކުދިކުދި ގޯސްތަކެއް، ދެވަނަ ލެގަށް ނުކުންނާނީ އެކަންކަން ރަނގަޅުކޮށްގެން: އާޓެޓާ


  • އާސެނަލްއާއި ލެވަކޫސަންގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެން

  • ދެވަނަ ލެގު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ހެދުނީ ކުދިކުދި ގޯސްތަކެއް ކަމަށާއި ދެވަނަ ލެގަށް ނުކުންނާނީ އެ ކަންކަން ރަނގަޅުކޮށްގެން ކަމަށް އާސެނަލްގެ ކޯޗު، މިކެލް އާޓެޓާ ބުނެފިއެވެ.

ގަދަ 16 ގައި ލެވަކޫސަންއާއި އާސެނަލް ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ލެވަކޫސަން އިންނެވެ. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ރޮބާޓް އަންޑްރިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ފަހަކަށް އައިސް އާސެނަލް އިން އެންމެ ގިނައިން ލަނޑު ޖަހާ، އެ ޓީމުގެ "ޓްރޭޑްމާކް" އަކަށް ވެފައިވާ ގޮތެވެ.

މި ލަނޑާ ގުޅޭގޮތުން ވާހަކަދައްކަމުން އާޓެޓާ ބުނީ، މި ލަނޑަކީ، ފާއިތުވީ ހަފްތާގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އާސެނަލްގެ ކުޅުންތެރިން ދައްކާދީފައިވާ މަންޒަރުތަކުން ދަސްކޮށްގެން، އޭގެ ފައިދާ ނަގައިގެން ކާމިޔާބުކޮށްފައިވާ ލަނޑެއް ކަމަށެވެ. މި ލަނޑު ވަނީ، އަމިއްލައަށް ދަސްކޮށްދިން އުކުޅުތަކަށް، އަމިއްލައަށް ތައްޔާރުނުވެވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މެޗުގައި އާސެނަލްގެ ސްޓްރައިކަރުން ނުވަތަ އާޓެޓާ ސިފަކުރާ ގޮތުގައި "ފިނިޝަރުން" ގެ ފަރާތުން ފެނުނީ ތައުރީފު ހައްގު ކުޅުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ޙާއްސަ ގޮތެގައި ބެންޗުން އަރައި، ނޮނީ މަޑުއެކޭ އާއި ކައި ހަވާޓްޒް ދެއްކީ މޮޅު ކުޅުމެއްކަމަށް އޭނާ ބުނެފައިވެއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި އާސެނަލް އިން މެޗުގައި ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން ކަމަށްވާއިރު، މި ޕެނަލްޓީއަކީ އޭރިއާތެރެއިން މަޑުއެކޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކައި ހަވާޓްޒް އެވެ.

ލެވަކޫސަންއާ ދެކޮޅަށް ކުޅެ އާސެނަލް އެއްވަރުވިއިރު، މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލްއަށް މޮޅެއް ނުހޯދުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއާއެކު އާސެނަލް އަށް ކުއާޓަރ ފައިނަލްގެ ޖާގައެއް ހޯދުމަށް، ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅެ، ލެވަކޫސަން އަތުން މޮޅުވާން ޖެހޭނެއެވެ. މި މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.