ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ ތިންވަނަ ޑީއެކްސީ އަދި ހަތަރުވަނަ ކަދުރު އެފްސީއިން ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ޓީމް ޑީއެކްސްއާއި ވާދަކޮށް 4 ލަނޑުން މެޗު ކާމިޔާބުކޮށްފައިވަނީ ޓީމް ވިޔަޒޯރުންނެވެ.
މިމެޗުގެ ގުރު ދިމާވެގެން ޓީމް ވިޔަޒޯރުންވަނީ ކުޅެން އަރާ، 8 އޯވަރު ތެރޭ 4 ވިކެޓަށް 109 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ، 55 ލަނޑު ހެދި ފުވާދު ނަފީސްއެވެ. ޓީމް ޑީއެކްސްއިން އެންމެ ރަނގަޅަށް އުކީ 47 ލަނޑަށް 1 ވިކެޓްނެގި ނިޕޮން ލޯހްއެވެ.
ޖަވާބުގައި ޓީމް ޑީއެކްސްއިން ކުޅެން އަރާ، 8 އޯވަރު ތެރޭ 6 ވިކެޓަށް ހެދިފައިވަނީ 106 ލަނޑެވެ. ފޯރިގަދަ ހަމަހަމަ ނަތީޖާއެއް ފެނިގެން ދިޔަ މިމެޗުގައި ޑީއެކްސްއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ލަނދު ހެދި ރޮބާޓްއެވެ. ވިޔަޒޯރު ޓީމުން އެންމެ ރަނގަޅަށް އުކީ، 17 ލަނޑަށް 2 ވިކެޓް ނެގި ފުވާދު ނަފީސްއެވެ.
އިއްޔެގެ ދެވަނަ މެޗުގައި ކަދުރު އެފްސީ އާއި ވާދަކޮށްފަވަނީ ކުނަހަންދޫ ބޯއިޒްއެވެ. މެޗުގެ ގުރު ދިމާވެގެން ކުނަހަންދޫ ބޯއިޒްއިން ކުޅެން އަރާ 6 އޯވަރު 5 ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 99 ލަނޑެވެ. ކަދުރު އެފްސީއިން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި މުހަންމަދު ނަޖީބްއެވެ.
ކުނަހަންދޫ ބޯއިޒް ޓީމުން އެންމެ ރަނގަޅަށް އުކީ 16 ލަނޑަށް 2 ވިކެޓް ނެގި، ހަމްދޫން އާދަމްއެވެ.
ޖަވާބުގައި ކުނަހަންދޫ ބޯއިޒް ޓީމުން ކުޅެން އަރާ 6 އޯވަރު 3 ބޯޅައިން 2 ވިކެޓް ނަގާވަނީ 102 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ހަމްދޫން އާދަމްއެވެ. އޭނާވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށި ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ފައިނަލު މެޗު މިއަދު ހަވީރަށް ތާވަލުކޮށްފައިވާއިރު އެއްކޮޅުން ވާދަކުރާނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކާފައިވާ ކުނަހަންދޫ ބޯއިޒް ޓީމެވެ. އަނެއް ކޮޅުން ވާދަކުރާނީ ކުނަހަންދޫ ބޯއިޒްއާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައިވާ ޓީމް ވިޔަޒޯރުއެވެ.
ކުނަހަންދޫ ކުރިކެޓް ދަނޑުގައި ކުރިއަށް ދިޔަ މިމުބާރާތުގައި ޖުމްލަ 7 ޓީމަކުން ވާދަކޮށްފަވެއެވެ. އޭގެ ތެރޭގައި ހަމައެކަނި އަންހެން ކުޅުންތެރިންނަށް ނިސްބަތްވާ ޓީމެއްވެސް ވާދަކުރިކަން ފާހަގަކޮށްލެވެއެވެ.