ޓުއަރިޒަމް

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް


ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ރާއްޖޭގައި ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރެއެވެ. އެހެންނަމަވެސް މި ދުވަސް މިފަހަރު ފާހަގަކުރާއިރު، ތަފާތު ޙަރަކާތްތަކާއެކު ހަފްތާއެއްގެ މުއްދަތަށް ބަހާލައިގެން ތަފާތު ޙަރަކާތްތައް ކުރިއަށްގެންދެވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ ނިންމަވާފައެވެ.

އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ޢަބީރު އިސްމާއިލް ވިދާޅުވީ މިފަހަރު ކުލަގަދަކޮށް މިދުވަސް ފާހަގަކުރެއްވުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ.

''އާދެ މިފަހަރު މި ހިންގޭ ޕްރޮގްރާމަކީ އެހެންފަހަރުވެސް ކުރަމުންދިޔަ ކަންތައްތައް ހިމެނިގެން ދިޔަ ޕްރޮގްރާމަކަށް ވެދާނެ. އެހެންނަމަވެސް އެއް ހަފްތާއަށް، ދިގުދެމިގެން މިގޮތަށް ގިނަ ޕްރޮގްރާމްތަކެއް ގެންދެވޭ މިއީ ފުރަތަމަ ފަހަރަށް ވެދާނެ. މިފަހަރު މި އުންމީދު ކުރަނީ އެހެން ފަހަރުތަކަށްވުރެ ކުލަގަދަ ވެގެންދާނެކަމަށް" އަޙްމަދު ޢަބީރު އިސްމާއިލް ވިދާޅުވިއެވެ.

މިއަހަރުގެ ޓޫރިޒަމް ދުވަހު ޓޫރިޒަމް މިނިސްޓަރ ޚިތާބެއް ދެއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިޢާރުކަމުގައިވާ ''ފަތުރުވެރިކަން: އެންމެންނަށް ވާޞިލްވެވޭގޮތަށް ކުރި އެރުވުން'' މި ޝިޢާރުގެ ދަށުން ސަޕްލިމެންޓެއް ނެރުއްމަށްވެސް ހަމަޖެހިފައިވެއެވެ. މި ސަޕްލިމެންޓްގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެކިއެކި އެސޯސިއޭޝަންތަކާއި، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ޚިތާބެއްވެސް ހިމަނުއްވާނެކަމަށް އެ ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެއަރޕޯޓްތަކުގައި މުޅި ދުވަހަށް ބައްސަވާލައްވައިގެން، ފަތުރުވެރިންނަށް މަރުޙަބާކިޔުމުގެ ތަފާތު ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ޓީ.އެމް.އޭއިންވެސް ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރ ޢަލީ ޝިނާން ވިދާޅުވީ މި ދުވަހަށް ޚާއްޞަކޮށްގެން އިންޑަސްޓްރީ ފޯރަމްގެ ނަމުގައި، ޖެނެރަލް މެނޭޖަރ ލެވެލްގެ ފަރާތްތަކަށް ޚާއްޞަކޮށް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

''އެދުވަހު ދެން ފާހަގަކޮށްލެވޭ ކަމަކީ ޚާއްޞަ ފޯރަމެއް ބޭއްވުން. އަޅުގަނޑުމެން މިކިޔަނީ އިންޑަސްޓްރީ ފޯރަމްއޭ. އެއީ އެ އިންޑަސްޓަރީގެ ވަރަށް ހައިލެވެލްގެ މީހުން ބައިވެރިވާ ފޯރަމެއް. މުޅި ދުވަހަށް ބަހާލައިގެން ހެނދުނު ނުވަގަޑި ތިރީހުން ފެށިގެން ހަތަރުގަޑި ތިރީހަށް ކުރިއަށް ގެންދާނެ މި ފޯރަމް.'' ޝިނާން ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މާރކެޓިންގައި ޙަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާ މާރކެޓިންގ ކޮންފަރެންސެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ދެން ކުރިއަށްގެންދާ ޙަރަކާތްތަކަށް ބަލާއިރު، ރާއްޖޭގެ 10 އަތޮޅެއްގެ އެކި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް އަށެއް ނުވައެއްގައި އުޅޭ ދަރިވަރުންގެ ރިސޯޓް މާޙައުލަށް އަހުލުވެރިކުރުވުމުގެ ގޮތުން ރިސޯޓްތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ޝަޒްރާ ވިދާޅުވީ ސްކޫލު ކުދިންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ މި ކަންތަކުގެ އިތުރަށް އޮކްޓޯބަރ އެކެއްގައި، ޚާއްޞަ އެހީއަށް ބޭނުންވާ 30 ކުއްޖަކަށް ޚާއްޞަކޮށްގެން ބަނޑޮސް އައިލެންޑް ރިސޯޓްގައިވެސް ޙަރަކާތަކެއް ކުރިއަށް ގެންދާނެކަމަށެވެ. 

ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން އެދުވަހު ރިސޯޓްތަކުގައި ސާފްކުރުމުގެ ޕްރޮގްރާމެއް ބޭއްވުމާއި ހުޅުމާލޭގައި ސާފްކުރުމުގެ މަސައްކަތްކުރުމުގެ އިތުރުން ގަސް އިންދުމަށްވެސް ހަމަޖައްސަވާފައިވެއެވެ.