ތަޢުލީމު

ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުގައި ސިމްޕޯޒިއަމެއް ބާއްވައިފި


ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުގެ ދަރިވަރުން ޢަމަލީ މައިދާނުގައި ހޯދާފައިވާ ތަޖުރިބާތައް ޙިއްޞާކުރުމަށް ސިމްޕޯޒިއަމެއް ބާއްވައިފިއެވެ.

މިއަދު ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގައި ބޭއްވި މި ސިމްޕޯޒިއަމް ހުޅުވައިދިނީ ވިލާ ކޮލެޖްގެ ރެކްޓަރ އަޙްމަދު އަންވަރެވެ. މިސިމްޕޯޒިއަމަކީ "ލަރނިންގ ބިޔޯންޑް ވޯލްސް" ގެ ނަމުގައި އެސްކޫލްގެ ދަރިވަރުން ރާއްޖެއާއި ރާއްޖެއިން ބޭރަށް އަމަލީ މައިދާނުގެ ތަޖުރިބާހޯދަން ކުރި ދަތުރުތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ބޭއްވި ސިމްޕޯޒިއަމެކެވެ.

ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުން ބުނީ މިސިމްޕޯޒިއަމަށް ތައްޔާރުވުމުގެ ގޮތުން އެސްކޫލްގެ ސަތޭކައަށްވުރެ ގިނަ ދަރިވަރުން މެލޭޝިޔާއާއި ޑުބާއީއަށް އަދި ރާއްޖޭގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައިވާކަމަށެވެ. އެގޮތުން މިދަތުރުތަކުގައި އެސްކޫލްގެ ދަރިވަރުން މުޤައްރަރުތަކުގައި ހިމެނޭ ފިލާވަޅުތަކާގުޅޭ ޢަމަލީ މަސައްކަތްތައް ހިމެނޭނެ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައިވާކަމަށެވެ.

ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުން ބުނީ މިދަތުރުތަކުގައި ލިބުނު މަޢުލޫމާތުތަކުގެ އަލީގައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއާއި ފޮތްތަކާއި ލީފްލެޓްތައް ސިމްޕޯޒިއަމްގައި ޙިއްޞާކޮށްފައިވާކަމަށެވެ. މި ސިމްޕޯޒިއަމް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ.