ޚަބަރު

ޓެރަރިޒަމާ ދެކޮޅަށް ކުރައްވާ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް


ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި ހަރުކަށި ފިކުރުތައް ނައްތާލެއްވުމަށް ކުރައްވާ މަސައްކަތްތުގައި ދިވެހިރާއްޖެއިން ބޮޑެތި ކާމީޔާބީތަކެއް ޙާޞިލްކޮށް، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ބޭރުގެ ޤައުމުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޓެރަރިޒަމާ ހައްދުފަހަނައަޅައިދިނުމުގެ ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކޮށް ޓެރަރިޒަމްގެ ނުރައްކާތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ސެންޓަރެކެވެ. އެސެންޓަރު ވުޖޫދަށް ގެންނެވުމާއެކު ހައްދުފަހަނައަޅާފައިވާ ފިކުރުތަކާއި ދީނީ ހަރުކަށި ފިކުރުތައް ނައްތާލުމަށްޓަކައި މިފަދަ ކަންކަމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ގެންދަވަނީ ހިންގަވަމުންނެވެ. މީގެ އިތުރުން ޓެރަރިޒަމްގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކައި ބޭރުގެ ބޮޑެތި ޤައުމުތަކާ ގުޅިވަޑައިގެން އިންޓެލިޖެންސް މަޢުލޫމާތު އެއްކުރައްވުމުގެ މަސައްކަތްވެސް އެސެންޓަރުން ގެންދަވަނީ ކުރައްވަމުންނެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަފީފް ޢުމަރު ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ފިކުރުތަކާއި، ދީނީ އަދި އެނޫންވެސް ހަރުކަށި ޚިޔާލާ ފިކުރުތައް ނައްތާލައްވައި، ޓެރަރިޒަމަށް މަގުފަހިވާ ކަންކަން ނައްތާލެއްވުމަށް އެސެންޓަރުން ކުރައްވާ މަސައްކަތްތަކަށް ބޮޑެތި ކާމިޔާބީއެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން ބޭރުގެ ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާ ގުޅިވަޑައިގެން ހަނގުރާމަކުރަންދާން އުޅޭ މީހުން ހިފަހައްޓަވައި، ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށާއި، ވޭތުވެދިޔަ މަހުވެސް އެފަދަ މައްސަލަތަކާ ގުޅިގެން 3 މީހަކު ހިފަހައްޓައި ފިޔަވަޅު އަޅުއްވާފައިވާކަމަށެވެ.

"މިހާރުވެސް އެމް.އެން.ޑީ.އެފްގެ ފަރާތުން ހިންގަމުން ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ޚާއްޞަކޮށް ސްކޫލްތަކާއި މުޖުތަމަޢުގެ ތެރޭގައި ދީނީ ނަޞޭހަތް ދިނުމުގެ ތަފާތު ޕްރޮގްރާމްތައްވެސް ދަނީ ހިންގަމުން. މިކަމުގެ ސަބަބުން ފައިދާތަކެއް ދަނީ ކުރަމުން." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އަމާޒަކީ ރާއްޖެއަކީ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމުގައި އެހެން ޤައުމުތަކާ އެއްހަމައެއްގައި މަސައްކަތްކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަން ޙާޞިލުކުރުމުގައި އެހެން ޤައުމުތަކާ ގުޅިގެން އިންޓެލިޖެންސް މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިމަސައްކަތްތަކާ އެކީގައި ދިވެހިރާއްޖެއަކީ އެހެން ޤައުމުތަކުގެވެސް ނިސްބަތުގައި ސިޔާސީގޮތުން ބަލާއިރުވެސް ހަމަޖެހުން ޤާއިމުކުރެވިފައިވާ، ޚާއްޞަގޮތުގެއްގައި ޓެރަރިޒަމަށް ނޫނެކޭ ބުނާ ޤައުމެއްގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރާބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާތަކުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އަވައްޓެރި ޤައުމުތަކާ ވަރަށް ގާތުން ގުޅިވަޑައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މީގެއިތުރުން މިމަސައްކަތުގައި ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ އޮންނަ ޤައުމުކަމުގައިވާ އެމެރިކާއިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވިދާޅުވިއެވެ.

"ނޭޝެނަލް ކެޕޭސިޓިސީ އޮން ކައުންޓަރ ޓެރަރިޒަމް ވަރުގަދަ ކުރުމަށްޓަކައި އެމެރިކާ ސަރުކާރުވެސް ވަރަށްބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވަމުންގެންދަވާ. އިހައްތުރެ ބޮޑަށް ދައުލަތުގެ ތެރޭގައިއާއި ޢާންމުންގެ ތެރޭގައިވެސް ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ އަޑު ދަނީ އިތުރުވަމުންނޭ" ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

ދިވެހިން ބޭރުގެ ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކުން ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށްދާ ސަބަބުތައް ދެނެގަތުމަށްޓަކައި ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރެއްވި ދިރާސާގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން އެސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާރނަލް ޢަބްދުއްރަޙީމް ވިދާޅުވީ އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަށްދާކަން ފާހަގަކުރެވެނީ ހަމައެކަނި ދީނީ ފިކުރުތަކާ ގުޅިގެން ނޫންކަމަށާއި، އފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގިނައިންދާކަމަށް ފާހަގަކުރެވެނީ ކުށުގެ ވެށިން ފާހަގަކުރެވޭ ޒުވާނުންކަމަށެވެ. އަދި ޒުވާނުން އެފަދަ ޖަމާޢަތްތަކާ ބައިވެރިވުމަށް ރައްޓެރިންގެ ފަރާތުނާއި ބައެއް ޙާލަތްތަކުގައި ޢާއިލާގެ ފަރާތުންން ޕްރެޝަރުކުރާކަން ފާހަގަކުރެއްވިފައިވާ ކަމަށް ވިދާޅުވިއެވެ.

"ކުށްތަކެއް ކުރެވި ސަލާމަތް ނުވާނެ ހިސާބަށްގޮސް މާޔޫސްވެފައި ތިބޭ މީހުންނަށް މިލާދެވޭ މެސެޖަކީ އިތުރު އެއްވެސް ގޮތެއް ނެތޭ ސަލާމަތްވާކަމަށް. ޖިހާދަކީ ކޮބާކަމާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތެއް ނުދެވި، އޭގެ ނުބައި މައުލޫމާތު ދެވި، އެމީހުންގެ ސިކުނޑިއަށް މިވައްދައިދެނީ ރާއްޖެއިން ބޭރަށް ޖިހާދަށް ދިނުން ނޫން ގޮތެއްނެތްކަމަށް އެކަމުން ސަލާމަތް ވާކަށް." ކާނަލް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތައް ނުރައްކާވެދާނެ ފަދަ ޙަމަލާއެއް ބޭރުގެ އެއްވެސް ފަރާތަކުން އަތުވެދާނެކަން ފާހަގަކުރެވިފައި ނުވާކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވެއެވެ. އަދި އެފަދަ ފަރާތަކުން އަތުވެދާނެ ޙަމަލާއަކަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ތައްޔާރަށް އޮތުމަކީ ޤައުމީ ސަލާމަތުގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.