ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރާކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ލޯންޗުކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫސިޓީއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ މަގުސަދަކީ ހަމަ އެކަނި ވިޔަފާރީގެ ޚިދުމަތް ދިނުމެއްނޫންކަމަށެވެ. އެއާއެކު ތަރައްޤީގެ މަގުގައި އެހީވެވޭނެ ރޮގުތައް ހޯދުމާއި، އެހީވުމަކީވެސް ބޭންކުގެ މަޤުސަދެއްކަމަށް ވިދާޅުވިއެވެ. 1982 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 11 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވިގެން ދިޔައީ ދިވެހިރާއްޖޭގެ މާއްދީ ތަރައްގީއަށް ރަމްޒުކުރާތަނެއްގެ ގޮތުގައިކަމަށާއި ބޭންކް އޮފް މޯލްޑިވްސް އުފެދުނުއިރު، ރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ އޮތީ ވަރަށް ބޮޑަށް ހަނިވެ، ތަރައްޤީނުވެކަމަށް ޝަރީފް ވިދާޅުވިއެވެ.
ރަސްމީ ބޭންކިންގ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުންދިޔައީ ބޭރުގެ ބޭންކުތަކުންކަމަށާއި އެ ދުވަސްވަރު ރާއްޖޭގެ ގިނަ މާލީ މުޢާމަލާތްތައް ހިންގަނީ ނަގުދު ފައިސާއިންކަމަަށް ވިދާޅުވިއެވެ. ބޭންކް އޮފް މޯލްޑިވްސް އުފެދިގެން ދިއުމަކީ، ޤައުމީ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމަށް އަމާޒުކޮށްގެން، ދިވެހީންގެ ބާރު ހިނގާ ބޭންކިންގ ނިޒާމެއްގެ ފެށުންކަމަށް ޝަރީފް ވިދާޅުވިިއެވެ. ބީއެމްއެލްއިން ވަނީ ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމުގައާއި، ދިވެހީންގެ އަތުގައި ނަގުދުކޮށް ހުރި ފައިސާ ބެންކިންގ ނިޒާމަށް ގެނެސް ފަހަށް ރައްކާކުރުމުގައާއި، ފަތުރުވެރިކަމާއި މަސްވެރިކަމާއި، އަދި ވިޔަފާރީގެ އެކި ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިއީ ދިވެހި އިގްތިސާދާ ގުޅިލާމެހިފައިވާ ބޭންކެއްކަމަށާއި އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ ނޭދެވޭއަސަރު ބޭންކަށްކުރާކަމަށެވެ. އަދި އިޤްތިޞާދަށް އަންނަ ކުރިއެރުންތަކާއެކު ބޭންކަށްވެސް ކުރިއެރުން ލިބޭ ކަމަށެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޤްތިޞާދީ އެއް ގޮންޖެހުމަކީ ޑޮލަރުގެ ދަތިކަންކަމަށާއި ރާއްޖޭގައި ކްރޮސްބޯޑަރ ޕޭމެންޓްގެ ޚިދުމަތް އެންމެ ފުޅާކޮށް ހުރިހާއި ދިވެހިންނަށް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއަށް މި ގޮންޖެހުމާ ކުރިމަތިލާން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ކާޑު ލިމިޓްތައް ކުޑަކޮށް އޮތުމާއި ޓީޓީ ހެދުމަށް ބޭންކުން ހަމައްސައިދޭ ޑޮލަރު ލިމިޓް ކުޑަވުމަކީ ރައްޔިތުން ކުރަމުން އައި އެންމެ ބޮޑު ޝަކުވާކަމަށެވެ. ސެޕްޓެމްބަރ 2020 އިން ބޭންކުން އާންމުންނަށް ދޫކޮށްފައި ހުރި ޑެބިޓްކާޑުގެ ލިމިޓަކީ 250 ޑޮލަރުކަމަށާއި ޓީޓީއަށް ދޫކުރެވެނީ އެންމެ %5ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި ވިޔަފާރިވެރިންގެ ޓީޓީތަކާއި އެލްސީ ތަކަށް ބޭނުންވާ ޑޮލަރަށް ބަލާއިރު، މިއީ ދެމިއޮވެވޭނެ ހާލަތެއް ނޫން ކަމުން، ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދީގެން މިކަމަށް ހައްލުތަކެއް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރިކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރާއެކު ކުރެވުނު މަސައްކަތުން ބޭންކުގެ ޑޮލަރު ޕޮޒިޝަން ރަނގަޅުވިކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރައްޔިތުން ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުން ކުރެވޭ އަދަދުތައް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ބޭންކަށް ކުރިން ދިމާވެފައިވާ ފޮރިން އެކްސްޗޭންޖް ޝޯޓް ޕޮޒިޝަން ހަރުދަނާ ސިޔާސަތެއްގެ ދަށުން ރަގަޅުކުރުމަށް ސަރުކާރުން އެހީތެރިވެ ދެއްވުމަށްފަހުގައިކަމަށެވެ.
ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުނެވެ. މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރާކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ މީގެ ކުރީއަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއްކަމަށާއި އަދި ހަމައެކަނި މިއަހަރުގެ ޖަނަވަރީ މަހަށް ބަލާއިރުވެސް ކަސްޓަމަރުން މިވަނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައިކަމަށް ޝަރީފް ވިދާޅުވިއެވެ.
"ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަ އުސޫލެއްގެ ދަށުން، ގިނަބޭފުޅުންނަށް މަހަކަށް ލިބޭ އާމްދަނީއަށްވުރެވެސް ބޮޑުޢަދަދެއް، ރާއްޖެއިން ބޭރުގައި ބޭނުންކުރަން ލިބޭއިރު، އެއްކާޑަށްވުރެ ގިނަ ކްރެޑިޓްކާޑު ގެންގުޅުއްވާ މަދު ބޭފުޅުންކޮޅަކަށް، ކުރިންވެސް އެހެންބޭފުޅުންނަށް ވުރެ ލިމިޓްގެފައިދާ މާބޮޑަށް ލިބެމުން ދިޔުމާއެކު، ލިމިޓް ބޮޑުކުރި ޢަދަދަށް ވުރެއިތުރު ނުވާކަން އަޅުގަނޑު ފާހަގަކުރަން. މިއީ އޮޅުވާލުމެއް ނޫން. މިއީ ހަމަހަމަ އުސޫލެއް ގާއިމުކުރުން. މިގޮތުން އީކޮމާރސް އަށްވެސް އަމިއްލަ ބޭނުންތަކަށް އެކަށީގެންވާ އަދި ދެވެންއޮތް އެންމެ ރަގަޅު ލިމިޓެއް ހަމަހަމަ އުސޫލަކުން ކަނޑައެޅިފައިވާއިރު އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތަކުން ބަލްކްކޮށް މުދާ އޮންލައިންކޮށް ގަނެވޭވަރަށް ލިމިޓް ނެތުމަކީ އެކަށީގެންވާކަމެއް" ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކްރެޑިޓް ކާޑުގެ ލިމިޓްތަކަކީ ލިބޭ އާމްދަނީއާއި ބެންކިންގ ރިލޭޝަންޝިޕަށް ބަލާފައި ކަނޑައެޅޭ ލިމިޓްތަކަކަށް ވުމާއެކު ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު މިވަނީ މިހާރު %30 އާއި %50 އާ ހަމަޔަށް އިތުރުކޮށްދީފައިކަމަށެވެ. އެގޮތުން މި ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް ވިޔަފާރިތަކަށްވެސް އަދި އާންމު ފަރުދުންނަށްވެސް އޭގެ މަންފާ ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.