ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިފިއެވެ.
އެގޮތުން އެސްކޫލްގައިވަނީ ތްރީ ޑީ ކްލާސްރޫމާއި، ކުދިންގެ ލެޕްޓޮޕް އާއި ޓެބް ބޭނުންކޮށްގެން ކިޔަވައިދިނުމާއި، ރާސްޕްބެރީ ޕައި ބޭނުންކޮށްގެން ކޮމްޕިއުޓަރ ޕްރޮގްރާމިންގ ލިޔެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ.
ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި އަލަށް ތަޢާރަފްކުރި ތްރީ ޑީ ކްލާސްރޫމް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދޭ ތަކެތީގެ ތެރެއިން އަމިއްލަ ލޮލަށް ސިފަކުރަން އުނދަގޫވާފަދަ ތަކެތި އިތުރަށް ދެނެގަތުމަށް ފަސޭހަވެގެންދާނެކަމަށް އެސްކޫލުން މަޢުލޫމާތުދެއްވައެވެ. އެގޮތުން ތްރީޑީ އައިނު އަޅައިގެން ކްލާސްތައް ކުރިއަށްގެންދިޔުމުން ދަރިވަރުންނަށް ތަކެތި ފަސޭހައިން ދެނެގަނެވުމަކީ ދަރިވަރުންނަށް ލިބިގެންދާނެ އިތުރުކުރިއެރުމެއްކަން އެސްކޫލުން ފާހަގަކުރައްވައެވެ.
ދަރިވަރުންގެ އަމިއްލަ ލެޕްޓޮޕް ކްލާހަށް ގެނެސްގެން ވައިފައި މެދުވެރިކޮށްގެން ކްލާސްތައް ކުރިއަށްގެންދިޔުމަށް ޣިޔާސުއްދީން ސްކޫލުން ވަނީ ނިންމަވާފައެވެ. ގްރޭޑް 5 އިން 10 ގެ ދަރިވަރުންނަށް ފަށާފައިވާ މި ޚިދުމަތް މެދުވެރިކޮށް ދަރިވަރުންގެ އަމިއްލަ ލެޕްޓޮޕް ކްލާހަށް ގެނެސްގެން ވައިފައި މެދުވެރިކޮށް ޓީޗަރު ކިޔަވައިދޭ އެއްޗެއް އޮޓޮމެޓިިކުން ރެކޯޑްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ބަލިވެގެން ކްލާހަށް ހާޒިރުނުވެވޭ ދުވަސްތަކުގައިވެސް ގޭގައި ތިބެގެން ރިއަލް ޓައިމްގައި ކްލާހުގައި ކުރިއަށްދާ ސެޝަންގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ޣިޔާޘުއްދީން ސްކޫލުން މަޢުލޫމާތުދެއްވައެވެ.
މީގެ އިތުރުން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި، ކޮމްޕިއުޓަރ ޕްރޮގްރާމިންގ ލިޔާނެގޮތް ދަރިވަރުންނަށް ފަސޭހަކަމާއިއެކު ދަސްކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔަން ދަސްކުރުމަށް ޑިޒައިންކޮށްފައިވާ ރާސްޕްބެރީ ޕައި ބޭނުންކޮށްގެން ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔެވޭނެގޮތްވެސް އެސްކޫލްގައި ވަނީ ފައްޓަވާފައެވެ. ގްރޭޑް 1 އިން 3 ގެ ދަރިވަރުންް ރާސްޕްބެރީ ޕައި ބޭނުންކޮށްގެން ޕްރޮގްރާމިންގ ދަސްކުރުމަށް ހަފްތާއަކު 1 ޕީރިއަޑް ލިބޭނެކަމަށް އެސްކޫލުން ވިދާޅުވެއެވެ. ކްލާހުގައި ދެކުދިން ކޯޑްކުރާގޮތަށް ކުރިއަށްގެންދާ ކްލާސްތަަކަކީ ކޮމްޕިއުޓަރ ސައިންސް ސިލަބަހުގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެއްކަމަށް އެސްކޫލްގެ ކޮމްޕިއުޓަރ އެޗްއޯޑީ ފާތިމަތު ސީތާ ވިދާޅުވިއެވެ.
ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ގްރޭޑް 1 އިން ފެށިގެން 10 އާއި ހަމައަށް ކިޔަވައިދެއްވައެވެ.