ޚަބަރު

"އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން ޚާއްސަ މަޖިލީހުގައި މަޝްވަރާކޮށްފައިވޭ"


  • މީގެކުރިން މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވޭ

  • ނަމަވެސް މަޖިލީހުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަން ވަނީ ހާމަވެފައި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މީގެކުރިން ބަހުސްކޮށްފައިވާކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހުކުރި ޚާއްސަ މަޖިލީހުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއިއެކު ޤާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދިޤު ކުރަން ފެނެތޯ ބެލުމަށް އާންމުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެއެވެ. މިއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނެތޯ ބެލުމަށް ނަގާ ވޯޓެކެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން މީގެކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މަޝްވަރާކޮށްފައި ނުވާކަމަށް ދެކެވެމުންދާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދޮގުކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަހުސްކުރެވިފައިވާކަމަށެވެ. އަދި އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިޞްލާޙަކާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުކަމަށެވެ. އެ އިސްލާހުތައް ހިމެނޭ ކަރުދާސްތައްވެސް ނާޒިމް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެ ހުރިހާ އިސްލާހުތަކެއްގައިވެސް ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ހުށަހަޅާފައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަން މަޝްވަރާކޮށްފައިވާނުވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަން ވަނީ ހާމަވެފައެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި 3 ވޯޓެއް ނަގާނެއެވެ. އެއީ ރަށްރަށާއި ސިޓީ ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބު ކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރު އިންތިޚާބުކުރުމަށް ނަގާ ވޯޓުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެވެ.

އާންމު އިންތިޚާބުތަކާއެކު މިފަދަ ރިފަރެންޑަމްތައް ބޭއްވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލެކެވެ.