ކުޅިވަރު

ނަޕޯލީއަށް މޮޅުނުވެވުމުގެ ފައިދާ ނަގައި ޔުވެންޓަސް އެއްވަނައަށް


ނަޕޯލީއަށް މޮޅު ނުވެވުމުގެ ފައިދާ ނަގައި އިޓަލިއަންސެރިއޭގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ. 

ސެރީއޭގައި ރޭ ނަޕޯލީ އަދި ކުޅުނު މެޗް އެއްވަރުވެގެން ނިމުނުއިރު، ޔުވެންޓަސްވަނީ ހަތަރެއް ސުމަކުން ކަގްލިއާރީގެ މައްޗަށް ކުރިހޯދާފައެވެ. 

މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ޖަހައިދިނީ ޑެނިއެލޭ ރުގާނީ، ގޮންޒާލޯ ހިގުއައިން އަދި ޑެނީ އަލްވޭސްއެވެ. ޔުވެންޓަސްގެ ހަތަރުވަނަ ލަނޑަކީ ކަގްލިއާރީގެ ލޫކާ ޗިޕިޓެއްލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ރޭގެ މެޗުގައިއަލްވޭސް ކާމިޔާބުކުރި ލަނޑަކީ އޭނާ އިޓަލީގެ ޔުވެންޓަސްއަށް ބަދަލްވިފަހުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. 

ސެރީއޭގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ރޯމާވަނީ ހަތަރެއް ސުމަކުންކްރޮތޯނޭ ބަލިކޮށްފައެވެ. މެޗުގައި އެޑިން ޒެކޯ ދެ ލަނޑު ޖަހައިދިންއިރު، އަނެއް ދެ ލަނޑު ޖަހއިދިނީ އެލް ޝަރާވީ އަދި މުހަމްމަދު ސަލާހް. ރޭ އެމްޕޯލީގެ މައްޗަށް އިންޓަރމިލާންވެސްވަނީ ދޭއް ސުމަކުން ކުރިހޯދާފައެވެ. އިންޓާރ މިލާންގެ ދެ ލަނޑުވެސް މެޗުގައި ޖަހައިދިނީ ކެޕްޓަން މައުރޯ އިކާޑީއެވެ. ސެރީއޭގައި ފިއޮރެންޓީނާ އަދި އުދިނޭސީގެ ކުރިމަތިލުން ނިމުނީ ދޭއް ދޭކުން އެއްވަރުވެގެންނެވެ.  

ސެރީއޭ ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އޮތީ ބަރާ ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ އެގާރަ ޕޮއިންޓެވެ. ލީގުގެ ތިންވަނާގައި ރޯމާ އޮތްއިރު، ހަތަރުވަނާގައި އޮތީ ޗިއޭވޯއެވެ. އަދި ފަސްވަނާގައި އޮތީ އިންޓަރމިލާނެވެ. މި ތިން ޓީމަށްވެސް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ.