އެތައް ގޮޮންޖެހުންތަކަކާއި ދަތިތަކެއް ކުރިމަތިވި ނަމަވެސް 2025 ވަނަ އަހަރު ނިންމާލެވުނީ ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
މީރުމާ ހޮޓެލުގައި ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްއަށް ފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، މި ފަހަރުގެ ކޮންގްރެސް މި ބޭއްވުނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުގައިކަމަށް ވީ ނަމަވެސް، ކުރިއަށްތަނުގައި އެފްއޭއެމް އިން ކޮންމެ އަހަރަކު ވެސް ކޮންގްރެސް ބާއްވަމުންދާނެ ކަމަށެވެ.
މިހާރު ވެސް އެފްއޭއެމްގެ ހިންގުން ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތްކުރަމުންދާނެކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ، އެފްއޭއެމް ދެން ކުރިއަށްދާނީ މެމްބަރު ކުލަބުތަކާ އެކުގައި ކަމަށެވެ.
ކުލަބުތަކުގެ ލަފަޔާއި އިރުޝާދަކު، އެފްއޭއެމްގެ ކަންކަމުގައި ދެން ބޭނުންކުރާނެ ކަމަށާއި، ކުލަބުތަކާ މައުލޫމާތު ހިއްސާކޮށް، ކުލަބުތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ޒަރީރު ދެއްވިއެވެ.
މިފަހަރުގެ ކޮންގްރެސްގައި ވެސް ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެވަނަ ޑިވިޝަނުގެ 11 ކުލަބަކުން ބައިވެރިވިކަން ފާހަގަކުރައްވައި ޒަރީރު އިތުރަށް ވިދާޅުވީ، ކުލަބުތަކުގެ އެއްބާރުލުމާއި އެހީތެރިކަން މިހާރު ވެސް އެފްއޭއަށް ލިބެމުން އަންނަ ކަމަށެވެ.
ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަސް ވަންދެން ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށްފަހު އައު ޒައާމަތާއެކު މި ހަރަކާތް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، ފާއިތުވީ އަހަރަކީ ގިނަ މުބާރާތްތަކެއް ބޭއްވުނު އަހަރެއް ކަމަށެވެ.
އަދި ދުވަސްތަކަކަށްފަހު ރާއްޖޭގެ ސީނިއަރ ގައުމީ ޓީމަށް ސަރަހައްދީ މުބާރާތަކުން ތަށްޓެއް ލިބުނީ ވެސް އަދި ފުރަތަމަ ފަހަރަށް ރާއްޖެއަށް ފުޓްސަލްގައި ބައިނަލްއަގްވާމީ ތަށްޓެއް ލިބުނީ ވެސް މިދިޔަ މުއްދަތުގެ ތެރޭގައިކަން ޒަރީރު ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކާއެކު ލިބިވަޑައިގެން ހުންނެވި ހިތްހަމަޖެހުމާއެކު ޒަރީރު ވިދާޅުވީ ނިންމާލެވުނީ ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ.
"ފުޓުބޯޅައިގެ ހަރަކާތްތައް ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަހު ހުއްޓިފައި އޮވެފައި ފެށިގެން މިއައީ. ދެން ފާހަގަކުރެވޭނެ ކަންނޭނގެ ނިމިގެން މިދިޔަ އަހަރަކީ ހަގީގަތުގައި އަޅުގަނޑުމެން، ސެޕްޓެމްބަރުގައި ފެށިގެން ފެބްރުވަރީއާ ހަމައަށް މި އައި އިރުގައި ހަމަ ވަރަށް ބައިވަރު މުބާރާތްތަކެއް އަޅުގަނޑުމެން ބާއްވާފައި މިއައީ. ހާއްސަ ގޮތެއްގައި ޔޫތު ޑިވެލޮޕްމަންޓް މުބާރާތްތަކެއް ވެސް މީގެތެރޭގައި ތައާރަފްވެގެން ހިނގައްޖެ. އޭގެ އިތުރުން ފާހަގަކޮށްލަންޖެހޭ ވަރަށް ދުވަސްތަކަކަށްފަހު އަޅުގަނޑުމެންގެ ސީނިއަރ ޓީމަށް ރީޖަނަލް މުބާރާތަކުން ތަށްޓެއް ލިބިގެން މިދިޔައީ. މީގެއިތުރުން ސާފުން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގެ ވެސް ޗެމްޕިއަންކަން އަޅުގަނޑުމެން މި ހޯދީ. އެހެންވީމަ ކާމިޔާބު އަހަރެއް މި ނިންމާލީ އަޅުގަނޑުމެން. އެކަމަކު ވަރަށް އުނދަގޫ، ދަތި ތަކަކާއެކުގައި" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވިއެވެ.
ކުރީގެ ޒައާމަތުން ހިންގުން ދޯދިޔާވެ ހިންގި ކޮރަޕްޝަނާއި ޖިނާއީ އެކިއެކި ކުށްތަކުގެ ސަބަބުން، އައު ޒައާމަތުން އެފްއޭއެމްގެ ހިންގުމާ ހަވާލުވިއިރު އެ އެސޯސިއޭޝަން ވެސް އަދި ދިވެހި ފުޓުބޯޅަ ވެސް އޮތީ ވަޅުޖެހި، އިނދަޖެހިފައެވެ. އެހެންނަމަވެސް އެފްއޭއެމްގެ ރައީސްކަމާ އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެން، އައު އެކްސްކޯއާ އެކު ކުރި ކާމިޔާބު މަސައްކަތްތަކާއެކު، ކުރީގައި އުފެދިފައި ހުރި ދަރަނިތަކާއި މައްސަލަތައް ހައްލުކޮށް، ފުޓުބޯޅަ ކުރިއެރުވުމަށް އަންނަނީ މުހިންމު، ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.