އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި މުއިވެޔޮ ފްރެންޑްސް ކުލަބު ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ފަހު ޖާގަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ޔަގީން ކޮއްފިއެވެ. ގުރޫޕް އޭގައި މި ދެޓީމު ވާދަކުރި މެޗު ނިއު އިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.
މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނަ ނަމަވެސް ހަމަލާތައް އުފެއްދުމުގައި ކުރި ހޯދީ މުއިވެޔޮ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށް ބައެއް ހަމަލާތައް ނިއުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.
މެޗުގައި ނިއު އިން ޖެހި ހަމައެކަނި ލަނޑަކީ އޭރިއާތެރެއިން މުއިވެޔޮ ޓީމުގެ ކީޕަރު މުހައްމަދު އިމްރާން ކުރި ފައުލަކަށް ލިބުނު ޕެންލްޓީއަކުން ކާމިޔަބު ކުރި ލަނޑެކެވެ. މި ޕެނެލްޓީ ގޯލަށް ވައްދާލާ ނިއުއަށް ލީޑު ނަގައިދިނީ އަހުމަދު އަޝްފާންއެވެ.
މި ނަތީޖާ އެކު ނިއު ހޯދި 7 ޕޮއިންޓާއެކު ނިއު ވަނީ ސެމީގެ ޖާގަ ޔަގީން ކޮއްފައެވެ. އެއްވަނައިގަ އޮތް ވިލިމާލެ ޔުނައިޓެޑަށް ލިބެނީ 9 ޕޮއިންޓެވެ. މުއިވެޔޮ ތިނަވަނައަށް ދިއައީ 6 ޕޮއިންޓާއެކުއެވެ. ޑީއެސްސީ ހަތަރުވަނައިގަ އޮތީ 4 ޕޮއިންޓާއެކުއެވެ. އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގަ އޮތީ ގްރާންޑޭއެވެ.
މި ގުރޫޕުގައި ދެން އޮންނާނީ ވިލިމާލެ ޔުނައިޓެޑާ، ގްރާންޑޭ ވާދަކުރާމެޗެވެ.