ޚަބަރު

އުނދަގޫ މޮޅަކާ އެކު ޑޯޓްމަންޓުން ބަޔާންއާ ފަރަގު ކުޑަކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި އެފްސީ ކަރން އާ ދެކޮޅަށް ކުޅެ ބޮރޫޝިއާ ޑޯޓްމަންޑުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުން ޑޯޓްމަންޑް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ޑޯޓްމަންޑުންނެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާހޫ ގިރާސީ އެވެ.

މި ހާފު ނިމުމުގެ ކުރިން، ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކަރން ގެ ސިމްޕްސަން އަށް ރެފްރީ ވަނީ ރަތްކާޑެއް ވެސް ދައްކާފައެވެ. ދެވަނަ ހާފު ވެސް ވަރުގަދައަށް ފެށި ޑޯޓްމަންޑުން ދެވަނަ ލަނޑެއް ޖަހައި މެޗުގައި ލީޑުފުޅާކުރީ 60 ވަނަ މިނެޓުގައި މެކްސިމިލިއަން ބެއިއާގެ ލަނޑުންނެވެ.

މެޗުގައި ކަރން އިން ޖެހި ހަމައެކަނި ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖާކޫބް ކަމިންސްކީއެވެ.

މި މޮޅާއެކު ހޯދި ތިން ޕޮއިންޓާއެކު ޑޯޓްމަންޑަށް ލީގު ތާވަލުގައި ލިބެނީ ދެވަނައެވެ. އެއީ 25 މެޗުން 55 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތް ބަޔާން އަށް 25 މެޗުން 66 ޕޮއިންޓު ލިބިފައިވެއެވެ.

މެޗުން ބަލިވި ކަރން އަށް 24 ޕޮއިންޓާއެކު ލިބެނީ 13 ވަނައެވެ.