އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި މެންސްފީލްޑް ޓައުން އަތުން ހޯދި ހަނި މޮޅާއެކު އާސެނަލް އިން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެންސްފީލްޑްގެ ވަން ކޯލް ސްޓޭޑިއަމުގައި 9,260 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަހިފަހައްޓައިގެން މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް އުފެއްދީވެސް އާސެނަލް އިންނެވެ.
އެ ޓީމުން ވަނީ މެޗުގައި ޖުމްލަ 21 ހަމަލާއެއް އުފައްދާފައެވެ. އޭގެތެރެއިން 10 ހަމަލާއެއް ގޯލާ އަމާޒުވާގޮތަށް އާސެނަލްގެ ކުޅުންތެރިން ފޮނުވާލާފައިވެއެވެ. މެޗުގައި އާސެނަލް އިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފުރަތަމަ ހާފުގައި 41 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޯނީ މަޑުއެކޭ އެވެ.
ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މެންސްފީލްޑުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިލް އެވަންސްއެވެ. އާސެނަލް މި މެޗުން މޮޅުކޮށްދީ އެ ޓީމު ކުއާޓަރ ފައިނަލަށް ގެންގޮސްދިން ލަނޑު އެބަރާޗީ އެޒޭ ކާމިޔާބުކޮށްދިނީ 66 ވަނަ މިނެޓުގައެވެ.
މި މޮޅާއެކު އާސެނަލް އިން ލީގުގައި "ކުއަޑްރަޕްލް" އެއް ހޯދުމުގެ އުއްމީދު މިވަނީ ހޯދާފައެވެ. ލީގު ޓައިޓަލް އާއި އެފްއޭ ކަޕުގެ އިތުރުން ޗެމްޕިއަންސް ލީގާއި އީއެފްއެލް ކަޕް ހޯދުމުގެ ފުރުސަތު ވެސް އެ ޓީމަށް އެބައޮތެވެ.
އާސެނަލް އަށް ކުރިއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި މި މަހުގެ 11 ވަނަ ދުވަހު ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.