ޚަބަރު

ޓްރަމްޕާއި ޔަހޫދީންގެ އިންޒާރަށް ނުބަލައި އީރާނުގެ ރޫޙީ އިސްވެރިޔާ ޢައްޔަނުކުރަނީ


އީރާނުގެ މުޅި އަސްކަރިއްޔާ ސުންނާފަތިކޮށްލައި، އެ ޤައުމުގެ ހުރިހާ ވެރިން ޝަހީދުކޮށްލުމުގެ ކުރިން، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެކޮޅަށް ފަށާފައިވާ މި ހަނގުރާމަ ނުނިންމާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން އެމެރިކާ އާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކާއެކު، އެ ކުރިމަތިލުންތައް ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އެކަމުގެ ސަބަބުން މުޅި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

މި ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް މިހާރު ކުރަމުންދިޔަނަމަވެސް، "އަމާންދޭނެ މީހަކު ވެސް ނުބަހައްޓައި"، އީރާނަށް ޙަމަލާދިނުމުގައި ދެމިތިބޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ބިރުވެރި އިންޒާރުގެ ތެރޭގައި ވެސް، އީރާނުން މިހާރު ދަނީ އައު ވެރިއަކު ޢައްޔަނުކުރުމަށް ތައްޔާރުވަމުންނެވެ. އެމެރިކާ އާއި ޔަހޫދީން ދިން ޙަމަލާތަކުގައި އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ އަލްޚާމަނާއީ ޝަހީދުކޮށްލާފައިވާއިރު، ޤައުމު ހިންގުމާ ޙަވާލުެވެފައިވަނީ ތިން މެމްބަރުންގެ ވަގުތީ މަޖިލީހަކާއެވެ.

އީރާނުގެ ޤާނޫނުއަސާސީގެ ދަށުން، 88 މެންބަރުންގެ މައްޗަށް އެކުލެވޭ ތަޖުރިބާކާރުންގެ މަޖިލީހަކުން އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރަންދެން، އީރާންގެ ވެރިކަން ހިންގާނީ އެ ކައުންސިލުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ތަޖުރިބާކާރުންގެ މަޖިލީހުން މިއަދުގެ ވަގުތެއްގައި އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރާނެކަމަށް ބެލެވެއެވެ.
އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުގެ ރައްދުގައި، އީރާނުން ވެސް ވަނީ ޔަހޫދީންގެ ބިނާތަކުގެ އިތުރުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.

މިގޮތުން، މިއަދު ވެސް ސަޢުދީ ޢަރަބިއްޔާއާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ އަދި މަދަނީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ކުވެއިތުގައި ހުރި ސަރުކާރުގެ އޮފީސް ޢިމާރާތެއްގައި ރޯވެފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ. މީގެއިތުރުން، ބަޙްރެއިނާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އިން ވެސް އީރާނުގެ ޑްރޯން ޙަމަލާތެއް ޢަމާޒުވިކަމަށް ބުނެފައިވެއެވެ.

މި ޙަމަލާތައް ދީފައިމިވަނީ، އީރާނުން ދެން އިސްވެ، ގަލްފުގެ ޤައުމުތަކަށް ޙަމަލާނުދޭނެ ކަމަށް އިޢުލާނުކޮށްފައިވަނިކޮށެވެ. މިގޮތުން، އެ ޤައުމުތައް މެދުވެރިކޮށް އީރާނަށް ޙަމަލާނުދޭހާ ހިނދަކު، އެ ޤައުމުތަކަށް އީރާނުން އިސްވެ ޙަމަލާނުދޭނެކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕިޒީޝްކިޔާން އިއްޔެ ވަނީ ވިދާޅުވެފައެވެ.