ތަރައްްޤީ

31 ޤައުމަކުން "ޕެރިސް އެގްރީމަންޓް" ތަސްދީޤްކޮށްފި


މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ "ޕެރިސް އެގްރީމަންޓް" މިއަދު ދުނިޔޭގެ 31 ޤައުމަކުން ތަސްދީޤްކޮށްފިއެވެ.

މިޤައުމުތަކުން ޕެރިސް އެގްރިމެންޓް ތަސްދީޤް ކޮށްފައިމިވަނީ އ.ދގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ ކްލައިމެޓް އެކްޝަން ވީކްގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ބަންކީމޫން މިއަދު ބޭއްވެވި ޚާއްސަ އިވެންޓެއްގައެވެ. ދުނިޔޭގެ 31 ޤައުމަކުން މިއެގްރީމެންޓް މިއަދު ތަސްދީޤް ކުރުމާގުޅިގެން މިހާތަނަށް ޕެރިސް އެގްރިމެންޓް ތަސްދީޤް ކުރި ޤައުމުތަކުގެ ޢަދަދު މިވަނީ 60 ހަށް އަރާފައެވެ.

tw:https://twitter.com/COP22/status/778599552861503488

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހީމް ވިދާޅުވީ، މިއީ ތިމާވެށީގެ ރޮނގުން ޙާސިލްކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މިއީ އެއޯސިސްގެ ޗެއަރއެއްގެ ޙައިސިއްޔަތުން ރާއްޖެއިން މިކަމަށްޓަކައި އިސްނަގައިގެން ކުރި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ވަރަށް ބޮޑު މަސައްކަތްޕުޅެއްގެ ސަބަބުން އެސޯސިސްގެ ޗެއަރގެ މަޤާމް ރާއްޖެއަށް ލިބި، ޕެރިސް އެގްރިމެންޓް ތަސްދީގް ކުރުވުމަށް ރާއްޖެއިން ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިމަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

tw:https://twitter.com/Thoriqibrahim/status/778599243384619009

މިނިސްޓަރ ޠާރިޤްވަނީ މިއަދު މި އެއްބަސްވުން ތަސްދީގްކުރި ހުރިހާ ޤައުމުތަކަށްވެސް މަރްޙަބާ ވިދާޅުވެފައެވެ. މިއަދު ސޮއިކުރި ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރު، ސޮލޮމޮން އައިލެންޑްސް، ކިރިބަތީ އަދި ޕަޕުއާ ނިއުގިނީ ފަދަ ޤައުމުތައްހިމެނެއެވެ.

ހަމައެއާއެކު މިހާތަނަށް މި އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ ޢަދަދުވަނީ 25އަށް އަރާފައެވެ. ދުނިޔޭގެ ބޮޑު ދެބާރު ކަމަށްވާ އެމެރިކާއާއި ޗައިނާއިންވެސްވަނީ މިހާރު މި އެގްރީމެންޓް ތަސްދީގްކޮށްފައެވެ. ނަމަވެސް ގްރީން ހައުސްގޭސް ޖައްވަށް ބޭރުކުރާ ދުނިޔޭގެ އެހެނިހެން ޤައުމުތަކުން މި އެއްބަސްވުން އަދި ތަސްދީޤް ކޮށްފައެއްނުވެއެވެ.

މި އެއްބަސްވުން ޢަމަލީ ސިފައަކަށް އައުމަށް، މަދުވެގެން 55 ގައުމަކުން ބައިވެރިވާންޖެހެއެވެ. އަދި ދުނިޔެއިން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ޙިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ބައިވެރިން ހިމެނެންޖެހެއެވެ. 60 ޤައުމަކުން މި އެއްބަސްވުން ތަސްދީޤް ކުރުމުން މި ޢަދަދު މިހާރު އުޅެނީ 47 އިން ސައްތައިގައެވެ.