ކުޅިވަރު

ފޯރި ހިފާނީ ޕްރެޝަރު އޮވެގެން: އިންޑިޔާ ކެޕްޓަން


ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ފައިނަލަށް ނުކުންނައިރު ޓީމަށް ޕްރެޝަރު ކުރިމަތިވެފައި އޮތުމަކީ ފޯރި ގެނުވާނެ ސަބަބެއް ކަމަށް ކެޕްޓަން ސުރިޔަކުރާމް ޔަދާވް ބުނެފި އެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ދަނޑަށް އިންޑިޔާ މިއަދު އިރުއޮއްސޭއިރު ނިއުޒީލޭންޑާ ދެކޮޅަށް ނުކުންނާނީ ތަށި ދިފާއު ކުރާ ފުރަތަމަ ގައުމަށް ވުމަށެވެ. ނަމަވެސް މި މުބާރާތުގައި އިންޑިޔާއިން ދަށް ނަތިޖާތަކެއް ވެސް ބައެއް މެޗުތަކުގައި ނެރެފައިވާތީވެ ޓީމަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

"ޕްރެޝަރު ނެތުމަކީ ފޯރި ނެތުން. މިހާރު އުފެދިފައި އޮތް ފޯރި އަކީ ޕްރެޝަރު އޮތުމުން އައިސްގެން އުޅޭ އެއްޗެއް. ޕްރެޝަރު ނެތްނަމަ ޖޯޝެއް ނޯންނާނެ. އަމިއްލަ ދަނޑުގައި ވޯލްޑް ކަޕް ފައިނަލް ކުޅުމަކީ ވަރަށް ތަފާތު ތަޖުރިބާ އަކަށްވާނެ. އަހަރުމެންގެ އުއްމީދަކީ ތަށި ހޯދުން،" ކެޕްޓަން ބުުންޏެވެ.

އޭނާ ބުނީ މި ވަގުތު އެންމެ މުހިންމު ކަމަކީ މާބޮޑަށް މެޗުގެ ވާހަކަ ނުދައްކައި އެ މީހަކު ބޭނުން ކަމަށް ސިކުނޑި ހުސްކޮށްލަން ޖާގަ ދިނުން ކަމަށެވެ. މި ގޮތުން ކުޅުންތެރިން ވެސް މެޗާ ބެހޭ ވާހަކަ މާބޮޑަށް ނުދައްކާ ކަމަށެވެ.

ފައިނަލް މެޗު ކުޅޭ ދަނޑަކީ އެންމެ ފަހުން ވޯލްޑްކަޕް ފައިނަލުގައި އޮސްޓްރޭލިޔާއިން އިންޑިޔާ ބަލި ކުރި ދަނޑެވެ.

"އަހަރުމެން އަޒުމަކީ އެ ނަތީޖާ ބަދަކު ކުރުން. މިފަދަ ކޮންމެ މެޗެއްގެ ކުރިން ޕްރެޝަރު ކުރިމަތި ވުމަކީ އާއްމު ކަމެއް. އެހެންވީމާ އަހަރުމެންނަށް މިކަން އާ ކަމަށް ނުވޭ. މި ޕްރެޝަރު އޮތުމަކީ ރަނގަޅެއް،" ކެޕްޓަން ބުންޏެވެ.

އިންޑިޔާގެ ކޯޗު ގައުޓަމް ގަމްބީރް ބުނީ ފައިނަލް މެޗުގެ ނަތީޖާ ނެރޭނީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށާއި މިހެންވެ މުޅި މެޗަށް ފުރިހަމަ އަށް ކުޅުންތެރިން ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަހަރުމެންގެ ރޭވުންތެރިކަމާއެކު މުޅި މެޗުގައި ސަމާލުކަން ފުރިހަމަ އަށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. އަހަރުމެން ވަނީ މި މުބާރާތުގައި ވަރަށް ރަނގަޅު މެޗުތަކެއް ވެސް ކުޅެފައި. ބައެއް މެޗުތައް ގޯސްކޮށް ދިޔައީ ފަރުވާތެރިވާންވީ ވަރަށް ނުވެވުމުން. މިހެންވެ ފައިނަލް މެޗަށް ނުކުންނައިރު ސަޕޯޓަރުންގެ ޕްރެޝަރު އޮތުމަކީ ރަނގަޅެއް ކަމަށް ދެކެން،" ކޯޗު ބުންޏެވެ.

މުބާރާތުގެ ފައިނަލަށް އިންޑިޔާ ދަތުރު ކުރީ ސެމީ ފައިނަލުގައި އިންގްލޭންޑް ބަލިކޮށްފަ އެވެ.