2 އަހަރު ތެރޭގައި ފަތުރުވެރިކަމަށް 7000 އަށްވުރެ ގިނަ އެނދު އަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންދާއިރު، މިސިނާޢަތުގައި ގިނަ ޚިދުމަތްތަކެއް އަންނަނީ ޤާއިމް ކުރަމުންނެވެ. އަދި މި ޚިދުމަތަށް އިތުރު ފެސިލިޓީތައްވެސް އަންނަނީ ނެރެމުންނެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ފާއިތުވި 2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ މުހިންމު ގިނަ ތަންތަން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ، މި ސިނާޢަތަށް ނެރޭ އެނދުގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފާއިތުވި 2 އަހަރު ތެރޭގައި ފަތުރުވެރި ކަމަށް ރަޖިސްޓްރީކޮށް ގިނަ އެނދުތަކެއް ވަނީ ނެރެފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ އެނދުގެ އަދަދަކީ 67,475އެވެ. 2024ވަނަ އަަހަރު ނިމުނުއިރު ފަތުރުވެރި ކަަމުގެ އަދަދު ހުރީ، 63,248 އެނދުގައެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި އަލަށް ޖުމްލަ 7195 އެނދުވަނީ ރަޖިސްޓްރީކޮށްފައެވެ. އެގޮތުން މިހާތަނަށް ފަތުރުވެރިކަމުގައި ޚިދުމަތް ދޭ ތަންތަނުގައި ޖުމްލަ 68244 އެނދު ވަނީ ޚިދުމަތަށް ނެރެފައެވެ.
ފަތުރުވެރިކަމަށް ނެރުނު އެނދަށް ބަލާއިރު، މީގެ ތެރެއިން އެންމެ ގިނައިން އެނދު ނެރެފައިވަނީ ރިސޯޓުތަކުންނެވެ. މިދިޔަ އަހަރު ހުޅުވި 6 ރިސޯޓާއެކު މިވަގުތު ރާއްޖޭގައި 186 ރިސޯޓު އަންނަނީ ހިންގަމުންނެވެ. މިއާއެކު، ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރުނު އެނދުގެ އަދަދު މިވަނީ، 45،009 އަރާފައެވެ. ރިސޯޓުތަކުން ފަތުރުވެރި ކަމަށް ނެރުނު އެނދުގެ އަދަދު އިތުރުވެފައިވާއިރު، ގެސްޓްހައުސް ވިޔަފާރިތަކުންވެސް ފަތުރުވެރި ކަަމަށް ގިނަ އަދަދެއްގެ އެނދު ވަނީ ނެރެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިހާރު އަމަލު ކުރަމުންދާ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ އަމާޒަކީ 2027 ވަނަ އަހަރާއި ހަމައަށް ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރު ކުރުމެވެ.