ޚަބަރު

ދުންފަތާ ދުރުހެލި ޖީލެއް މި ސަރުކާރުން ބިނާކުރާނެ- ނާއިބް ރައީސް


ރާއްޖޭގައި ކުރިޔަށް އޮތް ޖީލަކީ ދުންފަތާއި ދުރުހެލިވެފައިވާ ޖީލަކަށް ހެދެއްވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑަބްލިޔޫއެޗްއޯ އާއި ހެލްތް މިނިސްޓްރީން ގުޅިވަޑައިގެން ބޭއްވެވި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އެޑްވޮކޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީ ގުޅިވަޑައިގެން ބޭއްވެވި އެޑްވޮކޭސީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން މަޖުބޫރުވެފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ޖީލަކީ ދުންފަތު އިސްތިޢުމާލުނުކުރާ ޖީލަކަށް ހެއްދެވުމަށް  ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ޖިހާދު ވިދާޅުވިއެވެ. އަދި ގޯތިގެދޮރަކީ ދުންފަތުގެ އިސްތިޢުމާލުނުކުރާ ތަނަކަށް ހަދަންޖެހޭ ކަމަށާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވެ، އެކަމުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގޮވާލެއްވިއެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ ސިގެރޭޓް ގަތުމަށް ރާއްޖެއިން ބޮޑު ޚަރަދެއް ކުރާކަމަށެވެ. އެގޮތުން 1.1 ބިލިޔަން ރުފިޔާ ސިގެރޭޓް ގަތުމަށް ޚަރަދުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދިރާއްޖޭގެ 81 އިންސަތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާބަލިތަކުގައިކަން ފާހަގަކުރައްވަމުން ޙަސަން ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މިފަދަ ބަލިތައް ޖެހުމަށް މެދުވެރިވާ އެއް ސަބަބުކަމަށެވެ. އަދި ރާއްޖޭގައި ދުންފަތް އުފައްދާ އިންޑަސްޓްރީއެއް ނެތްކަމުގައި ވީނަމަވެސް، ދުންފަތް އުފައްދާ މާރކެޓް ކުރާ މީހުންގެ ނުފޫޒު ރާއްޖެއަށް ފޯރަމުންދާކަމަށް ޙަސަން ފާހަގަކުރެއްވިއެެވެ. ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރެއްވުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭކަމަށް ހަސަން މުޙައްމަދު ވިދާޅުވިއެވެ.ރޭގެ ޖަލްސާގައި ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ދުނިޔޭގެ ބައެއް ޤައުމުތަކުގެ ތަޖުރިބާކާރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެބޭފުޅުން ވަނީ އެ ޤައުމުތަކުގެ ޢަމަލުކުރެވެމުންދާގޮތާއި، ދުންފަތުގެ އިސްތިޢުމާލްކުރުން ނައްތާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.