ޚަބަރު

މިއަދަކީ ސުލްޙައަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސް


ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަނީ ޞުލްޙައަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރަނީ، ދުނިޔޭގައި ޞުލްޙަ ޤާއިމްކޮށް ޞުލްޙައިގެ ރޫޙް ޤައުމުތަކުގެ މެދުގައާއި ޢާއްމު ރައްޔިތުންގެ މެދުގައި އާލާކުރުމުގެ މަޤްޞަދުގައެވެ. އަދި ހަމަނުޖެހުންތަކާއި ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަކީވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1982ވަނަ އަހަރުއެވެ. ސެޕްޓެމްބަރު މަހުގެ  21ވަނަ ދުވަހަކީ ޞުލްޙައަށް މަސައްކަތްކުރާދުވަހުގެ ގޮތުގައި ނިންމާފައިވަނީ 1981ވަނަ އަހަރު އދ.ގެ ޢާއްމު މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ. ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަކުރުމަށް، ނިއުޔޯކްގައިހުންނަ އދ.ގެ މައި މަރުކަޒުގައި، "ޞުލްޙައިގެ ރަނގަބީލު" ޖަހައެވެ. 

img:http://s2.psmnews.mv/images/660x400/14744564584553.jpg|ސުލްޙައިގެ ދުވަސް ފާހަގަކުރުމަށް ނިއުޔޯކުގައި ބޭއްވި ރަސްމިއްޔާތެއްގައި ޒިންބާބުވޭގެ ރައީސް ރޮބަރޓް މުގާވޭ ޞުލްޙައިގެ ރަނގަބީލް ޖައްސަވަނީ-

ޞުލްޙައިގެ ސަޤާފަތް ދިރުވައި، ރައްޔިތުންގެ މެދުގައި ޞުލްޙައާމެދު ހޭލުންތެރިކަން އިތުރުކޮށް އަދި ރައްޔިތުންގެ ހިތްތަކުގައި ޞުލްޙައިގެ ރޫޙު އަށަގެންނެވުމުގެ އެންމެ މުހިއްމު އެއް އަސާސަކީ ތަޢުލީމް ކަމަށްވުމުން، 2013ވަނަ އަހަރު ފުރަތަމަ ފަހަރަށް ސުލްޙައިގެ ދުވަސް ޚާއްސަކޮށްފައިވަނީ "ސުލްޙައާބެހޭ ތަޢުލީމް" ފޯރިވައިދިނުމުގެ މައްޗަށެވެ. އދގެ ސެކްރެޓަރީ ޖެނެރަލްގެ މިނިންމެވުމުގެ މަތިން ކޮންމެ އަހަރަކުވެސް ސުލްޙައިގެ ދުވަސް ފާހަގަކުރާއިރު، ތަޢުލީމީ ނަޒަރަކުން ގިނަ ޙަރަކާތްތަކެއް ޤައުމުތަކުގައި ކުރިއަށްގެންދެއެވެ.

މިއަހަރުގެ ސުލްޙައިގެ ދުވަހުގެ ޝިޢާރު ޚާއްސަކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގެ މައްޗަށެވެ. މިދިޔައަހަރުގެ ސެޕްޓެމްބަރުމަހު ނިއުޔޯކުގައި ބޭއްވި އދ.ގެ މެމްބަރު 193 ޤައުމުގެ ވެރިންގެ ތާރީޚީ ބައްދަލުވުމުގައި ވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑިއެއް ފާސްކޮށްފައެވެ. ފަޤީރުކަން ނައްތާލާ، ސުލްޙައާއި ހަމަޖެހުން ޤާއިމްކޮށް އަދި ތިމާވެށި ޙިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ މިލަނޑުދަނޑިތައް ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ޙާސިލުކުރުމަށް ޤައުމުތަކުގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ދުނިޔޭގެ ސުލްޙައިގެ ދުވަސް ފާހަގަކުރުމުން، ހަމަނުޖެހުންތަކާއި، ތަފާތުކުރުންތައް ނައްތާލައި، ސުލްޙަޤާއިމްކޮށް ސުލްޙައިގެ ސަޤާފަތެއް ދިރުވުމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމުތަކުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށްއދ.ން ފާހަގަކުރެއެވެ. މިދުވަސް ފާހަގަކުރުމަށް ޤައުމުތަކުގައި ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތައް އިސްނަގައިގެން ތަފާތު ގިނަ ޙަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދެއެވެ.