ސިއްހަތު

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ޚާއްސަ އިސްކަމެއް


ގައިންގަޔަށް ނާރާ ބަލިތައް، ނުވަތަ ނަން ކޮމިއުނިކެބްލް ޑިސީސްތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިކަމާގުޅޭގޮތުން ހެލްތު މިނިސްޓަރ ވާހަކަފުޅުދެއްކެވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގޮތުން ބާއްވާ ޚާއްޞަ ވަރކްޝޮޕެއް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެއްޓެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖެއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމުގައި ކާމިޔާބީތަކެއް ޙާޞިލްކުރެވިފައިވާ އަދި ގައިންގަޔަށް ނާރާ ބަލިތަކަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ ޤައުމެކެވެ.

"ޖޮއިންޓް ރީޖަނަލް ވަރކްޝޮޕް ފޮރ ދަ ސެވަންތް ސެޝަން އޮފް ދަ ކޮންފަރެންސް އޮފް ޕާޓީސް" ގައި މި ސަރަޙައްދުގެ 11 ޤައުމަކުން 60 މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދާއި މާދަމާ ކުރިއަށްދާ މި ވަރކްޝޮޕަކީ، އަންނަ ނޮވެމްބަރުމަހު އިންޑިއާގައި ބާއްވާ "ކޮންފަރެންސް އޮފް ދަ ޕާޓީސް"ގެ 7 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ވަރކްޝޮޕެކެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި "ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ކޮންވެންޝަން ސެކްރެޓޭރިއަޓް ގުޅިގެން ބާއްވާ ވަރކްޝޮޕެކެވެ.

މި ވަރކްޝޮޕްގެ މައިގަނޑު ޢަމާޒަކީ، "ކޮންފަރެންސް އޮފް ދަ ޕާޓީސް"ގެ 7 ވަނަ ބައްދަލުވުމަށް ހުށައެޅުމަށް ހަމަޖެހިފައިވާ ފަންނީ އަދި އިދާރީ ކަރުދާސްތަކާމެދު ގޮތެއް ނިންމުމެވެ. މި ވަރކްޝޮޕާއިން ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމަކީ، ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިގަންނަވާކަމަށެވެ.

މި ވަރކްޝޮޕާއި ބެހޭ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތުރް ވިދާޅުވީ، މިއީ، ނޮވެމްބަރު މަހު ބާއްވާ ކޮޕްގެ 7 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މުހިއްމު ބައްދަލުވުމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ.

މި ވަރކްޝޮޕްގައި ރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އެޗްޕީއޭ އަދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި، އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބޯޑުގެ ފަރާތުން މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ.