ޚަބަރު

ޕީއެސްއެމް އާއި ސީއެމްޑީއޭ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި


މާލީ ދާއިރާއާގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމާއި މާލީ ދާއިރާއާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސީއެމްޑީއާއިއެކު ޕީއެސްއެމް ސޮއިކޮށްފިއެވެ.

ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، މާލީ ދާއިރާއާ ގުޅޭ ޕްރޮގްރާމްތައް ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޫސްވެރިންނަށް އަމާޒްކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށްވެސް ރޭވިފައިވެއެވެ.

ސެނެކޯ މާލަމުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕީއެސްއެމްގެ ޑެޕިއުޑީޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދާއި ސީއެމްޑީއޭގެ ސީއީއޯ، އަޙްމަދު ނަޞީރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން، ރައްޔިތުންގެ ކިބައިގައި މާލީ ދާއިރާއާ ގުޅޭ މަޢުލޫމާތު އިތުރުކުރެވި، ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ނޫސްވެރިން ތަމްރީންކުރުމަށް ޕްރޮގްރާމްތަކެއް ރޭވިފައިވާ ކަންވެސް ޝާޔަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ސީއީއޯ އަޙްމަދު ނަޞީރު ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރެވިގެން މި ދިޔައީ ދުވަސްތަކެއްގެ މަޝްވަރާއާއި ޕްލޭންތަކެއް ކުރުމަށްފަހު ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ސީއެމްޑީއާއި ޕީއެސްއެމް ގުޅިގެން ރައްޔިތުން މާލީ ދާއިރާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެކަމަށެވެ.

ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފިނޭންސްއާ ގުޅޭ ޕްރޮގްރާމްތަކާއި، ވިޔާފާރީގެ ޕްރޮގްރާމްތަކާއި ފްލެޝް މެސެޖްތައް ޕީއެސްއެމްގެ ޓީވީ ޗެނެލްތައް އަދި ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ގެނެސްދިނުމަށްވެސް ރޭވިފައިވެއެވެ.