ދުނިޔެ

ފަލަޞްޠީން މިނިވަންކުރުމަށް އޮބާމާ ގޮވާލައްވައިފި


އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމުގެ ދަށުން ފަލަޞްޠީން މިނިވަންކުރުމަށް އެމެރިކާގެ ރައީސް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ރައީސް ބަރާކް އޮބާމާ މިކަމަށް ގޮވާލެއްވީ ނިއުޔޯކުގައި މިހާރު ކުރިޔަށްދާ އދ. ގެ ޢާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އދ. ގެ ޢާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އޮބާމާ ވިދާޅުވީ ފަލަސްޠީނުގެ ބިންތައް ހިފައިގެން އިސްރާޢީލަށް ތާއަބަދު ނުތިބެވޭނެކަން އެޤައުމުން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ފަލަސްޠީނުގެ ޢާއްމު ރައްޔިތުންވެސް ހަމަނުޖެހުމަށް މަގުފަހިވާ ކަންކަމަށް ހިއްވަރު ދިނުން ހުއްޓާލާ، އިސްރާޢީލަކީ ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ދެޤައުމަށްވެސް މިކަމުން މަންފާ ކުރާނެ ކަމެއް ކަމަށް އޮބާމާ ވިދާޅުވިއެވެ.

އޮބާމާގެ ސަރުކާރުގައި އިސްރާޢީލާއި ފަލަސްޠީނުގެ މެދުގައި ޞުލްޙަ ޤާއިމްކުރުމަށް ވޭތުވެދިޔަ އަށެއްކަ އަހަރު ކުރެވުނު މަސައްކަތުން އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ. މިގޮތުން އެމެރިކާ ސަރުކާރު މެދުވެރިވެގެން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އިސްވެ ހުންނަވާ އެންމެ ފަހުން ކުރެއްވި މަސައްކަތްޕުޅުވެސް 2014 ވަނަ އަހަރު ވަނީ ނާކާމިޔާބުވެފައެވެ. ކަން މިހެން އޮތްއިރު އޮބާމާގެ ރިޔާސީ ދެވަނަ ދައުރު ނިންމަވާ، ނިކުތުމުގެ ކުރިން، އެޤައުމުގައި ބާއްވާ ރިޔާސީ އިންތިޙާބަށްފަހު އިސްރާޢީލާއި ފަލަސްޠީނުގެ މެދުގައި ޞުލްޙަ ޤާއިމްކުރުމަށް މަސައްކަތް ކުރެވިދާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. އެހެންނަމަވެސް މިފަދަ މަސައްކަތެއްގެ ފައިދާ މާ އެދެވޭގޮތެއްގައި ފެނިގެން ހިނގައިދާނެ ކަމާމެދު މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޝައްކު ކުރެއެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އދ. ގައި ކުރެއްވި އެންމެ ފަހު ތަޤްރީރުގައި، ރަޝިޔާއަށް ގެއްލިފައިވާ ހައިބަތާއި ޤަދަރު އަނބުރާ ހޯދުމަށް ބާރުގެ ބޭނުން ކުރަމުންދާ ކަމަށް އޮބާމާ ތުހުމަތު ކުރެއްވިއެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ރަޝިޔާއިން އެޤައުމުގެ އަވަށްޓެރި ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުން ގެންދާނަމަ، އަމިއްލަ ޤައުމުގައި ތާޢީދު އިތުރުވިނަމަވެސް ދުރު މުސްތަޤްބަލުގައި ރަޝިޔާގެ ހައިބަތު ގެއްލި، ސަރަޙައްދީ އިން ވަކިނުވާ މިންވަރަށް ޤައުމުގެ ސަލާމަތީ ކަންކަން ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ.

ރަޝިޔާގެ މައްސަލައިގެ އިތުރުން، ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކައިގައި އޮބާމާ ވިދާޅުވީ ޤާނޫނެއްގެ ތަރަޙައިގެ ތެރެއިން ވާހަކަދެކެވިގެން ހޯދޭ ޙައްލަކީ ދިގުދެމިގެންދާނެ ޙައްލެއް ކަމަށާ، ދެކުނު ޗައިނާ ކަނޑުގައިވާ ފަރުތަކަކާ ގާތަކެއްގެ މައްސަލައިގައި ދެކޮޅުވެރިކަމެއްގެ ތެރެއަށް ދިއުން ބުއްދިވެރި ނޫން ކަމަށެވެ.

އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ފަސް ޓްރިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދަލާއެކު ބޯޓުފަހަރު ދަތުރުކުރާ، ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއް އެއީ ޗައިނާގެ މިލްކުވެރިކަމުގެ ދަށުގައިވާ ސަރަޙައްދެއް ކަމަށް ޗައިނާއިން ދައުވާކުރެއެވެ. އެހެންނަމަވެސް ދެކުނު ޗައިނާ ކަނޑުގެ މިސަރަޙައްދުގައި ހިމެނޭ ބްރޫނާއީ، މެލޭޝިއާ، ފިލިޕީންސް، ޓައިވާން އަދި ވިއެޓްނާމުންވެސް ދަނީ މިލްކުވެރިކަމުގެ މައްސަލައިގައި ދައުވާ ކުރަމުންނެވެ.